Last Updated: July 23, 14:58
Thursday, July 23, 2026
ދުނިޔެ

މިއީ އެންމެ ބޮޑު ފިރިހެން އަނގަ

އެންމެ ބޮޑު ފިރިހެން އަނގައިގެ ރެކޯޑް އެމެރިކާގެ ފުރާވަރުގެ ކުއްޖަކަށް ލިބިއްޖެ އެވެ.

މިނިސޯޓާ އަށް ނިސްބަތްވާ އިސާކް ޖޯންސަންގެ އަނގަ މިހާރު ތަންމިނަށް ހުޅުވައިލުމުން 10.196 ސެންޓިމީޓަރު ހުރެ އެވެ. އެހެންވެ މިހާރު އެއްފަހަރާ އާފަލެއް، އޮރެންޖެއް ނުވަތަ އާދައިގެ ސައިޒްގެ ބާގާއެއް އެެއްކޮށް އަނގަޔަށް ލުމަކީ އޭނަ އަށް އެއްވެސް ކަމެއް ނޫނެވެ.

އިސާކް ބުނި ގޮތުގައި އެންމެ ބޮޑު އަނގައިގެ ވެރިޔާގެ ރެކޯޑް ލިބުމަކީ ވަރަށް ބޮޑު އުފަލެއް އަދި އެހާމަ ފަހުރުވެރިވާ ކަމެކެވެ. ސަބަބަކީ އޭނަގެ ކިބައިގައި ހުރި ހާއްސަ ސިފައަކާ ހެދި މުޅި ދުނިޔެ ވެސް ދަންނަ މީހަކަށް ވުމެވެ. އިސާކް ކިޔައިދިން ގޮތުގައި އޭނަގެ އަނގަ ބޮޑުކަން ފާހަގަކުރެވިގެން އެ ވާހަކަ ވަރަށް ކުރިން ފެށިގެން ވެސް އާއިލާ އާއި ރައްޓެހިން އެ ވާހަކަ ދައްކަ އެވެ. އެހެންވެ މިކަން ރެކޯޑަށް ހެދުމަކީ އަބަދު ވެސް ބޭނުންވެފައި އޮތް ކަމެކެވެ.

އެގޮތުން 2019 ގައި އެންމެ ބޮޑު ފިރިހެން އަނގައިގެ ރެކޯޑް ކުޑަ ދުވަސްކޮޅަކަށް އަތުޖެހޭ ގޮތް ވެސް ވި އެވެ. އުމުރުން 14 އަހަރުގައި އެޕްރީލް 15، 2019 ގައި ރެކޯޑް ހަދަން އަނގަ ތަންމިނަށް ހުޅުވާލި އިރު، 9.34 ސެންޓިމީޓަރު ހުއްޓެވެ. އެއާ އެކީ ރެކޯޑް ކަށަވަރުވި ނަމަވެސް މާ ގިނަ ދުވަހެއް ނުވެ އެ ރެކޯޑް އިސާކަށް ގެއްލުނެވެ.

އެއި އެމެރިކާ ޕެންސިލްވޭނިއާ އަށް ނިސްބަތްވާ ފިލިޕް އަންގަޒް ކިޔާ މީހަކު ނޮވެމްބަރު 5، 2019 ގައި އިސާކް ރެކޯޑް މުގުރައިލުމުންނެވެ. އޭރު އޭނަގެ އަނގަ ތަންމިނަށް ހުޅުވާލުމުން 9.52 ސެންޓިމީޓަރު ހުއްޓެވެ. ނަމަވެސް އަނެއްކާ 2020 ގައި އިސާކް ރެކޯޑް އަލުން އަތުލި އެވެ. އޮކްޓޯބަރު 21، 2020 ގައި ރެކޯޑަށް އަނގަ ހުޅުވައިލި އިރު، 10.175 ސެންޓިމީޓަރު ހުއްޓެވެ.

އިސާކް ބުނި ގޮތުގައި ރެކޯޑް ހަދަން އެންމެ ބޮޑު އިންސްޕިރޭޝަނަކަށްވީ ޖަރުމަންގެ ބާނާޑް ޝްމިޓްގެ ވީޑިއޯތަކެއް ފެނިފަ އެވެ.

"އޭނަގެ ވީޑިއޯތައް ބަލަން ފެށީމަ ހިތަށް އެރި އަހަންނަށް ވެސް މިކަން ވެދާނޭ. ޓްރައިކުރާނީއްޔޭ. އެހެންވީމަ ދެން ވެސް އޮތީ ރެކޯޑް ދަމަހައްޓަން މަސައްކަތްކުރުން." އޭނާ ބުންޏެވެ.

ބޮޑު އަނގަޔާ ހެދި އިސާކަކީ މިހާރު ޓިކްޓޮކްގައި ވެސް ވަރަށް މަގުބޫލު ކުއްޖެކެވެ.

ދުނިޔޭގެ އެންމެ ބޮޑު އަންހެން އަނގަޔަކީ މިދިޔަ އަހަރު ރެކޯޑް ލިބުނު އެމެރިކާގެ ކަނެކްޓިކަޓަށް ނިސްބަތްވާ ސަމަންތާ ރަމްސްޑެލް، 32، އެވެ. އޭނަ އަނގަ އެއްކޮށް ހުޅުވައިލުމުން ދެ ދަތްޕިލަ ދޭތެރޭ 6.52 ސެންޓި މީޓަރު ހުރެ އެވެ.