Last Updated: June 11, 06:42
Thursday, June 11, 2026
ޚަބަރު

ޤާސިމް ހިމަނައިގެން ދެން ވެރިކަމަށް ނާދެވޭނެ: ޖާބިރު

މެމްބަރު އަބްދުﷲ ޖާބިރު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމަނައިގެން ވެރިކަމަށް ދެން ނާދެވޭނެ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިފަދައިން ވާހަކަދައްކަވާފައިވަނީ، ރާއްޖެ ޓީވީގެ ޕްރޮގްރާމަކަށް ޤާސިމް ދެއްވި އިންޓަވިއުއެއްގައި ސަރުކާރު ކޯލިޝަން އެއްބަސްވުމުގެ 90 ޕަސެންޓްވެސް ނުލިބޭކަމަށް ވިދާޅުވުމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ކޯލިޝަންގެ އެންމެބޮޑު ޕާޓްނަރު ސަރުކާރު ފެއިލް ވެއްޖެކަމަށް ބުނެފައިވާކަމަށާއި، ކޯލިޝަން ގުޑާފައިވާ ކަމަށެވެ.

ޖާބިރު ވިދާޅުވީ ޤާސިމް އިބްރާހިމާ ނުލާ ނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެކެވަޑައިގަންނަވާނަމަ، ރައީސް ސޯލިހްގެ ހިސާބުޖެހުމުގެ މައްސަލަ އުޅޭކަމަށް ބަލަން ޖެހޭ ކަމަށެވެ.

"ޤާސިމާލައިގެން ދެން އަންނާނެ ރާއްޖޭގެ ވެރިކަމެއް ނޯންނާނެތީއާ، މައުމޫންލައިގެން އަންނާނެ ވެރިކަމެއް ނޯންނާނެ. މިބޭބޭފުޅުން ފެއިލް ވެއްޖެ." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވަނީ ދައުލަތުގެ ވިޔަފާރިތައް ޤާސިމް ބުނާ ގޮތަކަށް، ޤާސިމްގެ މީހުން ލައިގެން، މިނިވަންކޮށް އޮޕަރޭޓްވާނީ ކިހިނެއްތޯ ސުވާލު އުފައްދަވާފައެވެ.

ޤާސިމް އިންޓަވިއުގައި ވިދާޅުވީ ކުރީގެ ކޯލިޝަންތަކާ ހިލާފަށް ރައީސް ސޯލިހް ކޯލިޝަން ދަމަހައްޓަވާފައިވާ ކަމަށާއި އެހެންނަމަވެސް އެއްބަސްވެގެން ސޮއިކުރި ކަންކަމުގެ ދިހަ ޕަސަންޓު ވެސް ނުލިބޭ ކަމަށެވެ. އަދި ވެރިކަމަށް އާދެވުމުން ކޯލިޝަންމަތިން ހަނދާންނެތޭ ކަމަށް ވެސް ޤާސިމް ވިދާޅުވިއެވެ.