Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

އެމްޑީޕީ އުފެއްދީ އަޅުގަނޑު: ގާސިމް

ގާސިމް އާއި ރައީސް ނަޝީދު - ފޮޓޯ: ސަން

އެމްޑީޕީ އަކީ އެމަނިކުފާނު އުފެއްދެވި ޕާޓީއެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިއަދު ހެނދުނު "ރާއްޖެ ޓީވީ" އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ގާސިމް ވިދާޅުވީ އެމްޑީޕީ އަކީ އޭނާ އުފެއްދެވި ޕާޓީއެއް ކަމަށާއި އެ ޕާޓީ އަށް އެންމެ ފުރަތަމަ ސޮއިކުރެއްވީ ވެސް އޭނާ ކަމަށެވެ. އަދި އެމްޑީޕީ ރާއްޖޭން ބޭރުގައި ފުރަތަމަ އިފްތިތާހު ކުރީ ވެސް އޭނާ އެހީތެރިވެދީގެން ކަމަށް ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑު ކޮންމެހެން އެ ވާހަކަ ދައްކާކަށް ނެތިން. އަޅުގަނޑު ބޭނުމެއް ނުވޭ އެ ޕާޓީގައި ހުރެ ރައީސް ނަޝީދާއި އަރާރުންވެ ތަޅާފޮޅާކަށް. އަޅުގަނޑަކީ އެކަހަލަ ކަމެއް ނެތިގެން އުޅޭ މީހެއް ނޫން." ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ އޭނާގެ އެޖެންޑާ އަކީ އިސްލާހީ މަސައްކަތް ކަމަށާއި އެއްވެސް އިރެއްގައި އޭނާ އަކީ މީހުންނާއި ދިމާކޮށްގެން އުޅުނު މީހެއް ނޫން ކަމަށެވެ. އެގޮތުން މިއަދު ވެސް އަދި އިއްޔެ ވެސް މަސައްކަތް ކުރީ އިސްލާހަށްޓަކާ ކަމަށާއި ކަންކަން އިސްލާހުވި ނަމަވެސް ބާރުވެރިކަމަށް އަންނަ މީހުން އެ އިސްލާހު ބޭނުން ނުބައި ގޮތުގައި ހިފަމުންދާ ކަމަށް ގާސިމް ވިދާޅުވި އެވެ.

"އެއީ މީގެ ހިތާމައަކީ. ރައްޔިތުންނަށް އެ ފޮނިމީރުކަން ނުލިބިގެން މި އުޅޭ ސަބަބަކީ އެއީ އެ ލިބެންވާ ގޮތަށް. އެންމެހާ ދޮގުތައް ހަދަން މި ޖެހެނީ އެހެންވެގެން." ގާސިމް ވިދާޅުވި އެވެ.

މީގެއިތުރުން ގާސިމް ވަނީ މާލެ އާއި ހުޅުމާލެއާ ދެމެދު ބްރިޖެއް އެޅުމުގެ ވާހަކަ ފުރަތަމަ ދެއްކެވީ ވެސް އޭނާ ކަމަށް ވިދާޅުވެފަ އެވެ.