Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

ނަޝީދު މިއަދު އައްޑު އަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އައްޑު އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ކުރީގެ ރައީސްގެ މި ދަތުރަކީ ގައުމީ ޔުނިވަސިޓީގެ ހިތަދޫ ކެމްޕަހުގައި މިރޭ ކްލައިމެޓް ޗޭންޖާ ގުޅޭ ގޮތުން ބާއްވާ ސެމިނާއަކަށް ކުރައްވާ ދަތުރެކެވެ. "ފޯސޭކެން ފިއުޗާސް" ގެ ނަމުގައި ބާއްވާ ސެމިނާގެ ދެވަނަ ސެޝަން "އަންޑަވޯޓާ ޖަސްޓިސް" ގައި ނަޝީދު ބައިވެރިވަޑައިގަންނަވާނެ އެވެ. އެ ސެޝަން އޮންނާނީ މިރޭ ހިތަދޫ ކެމްޕަހުގައި 7:15 އިން 8:15 އަށެވެ.

"ފޯސޭކޭން ފިއުޗާސް" ގެ ނަމުގައި ބާއްވާ ސެމިނާގައި މައިގަނޑު ގޮތަކަށް ވާހަކަ ދައްކާނީ "ކްލައިމެޓް ރިސްކް އެންޑް ޖަސްޓިސް" މި މައުޟޫއަށެވެ. މި ސެމިނާ ކުރިއަށް ގެންދަން ހަމަޖެހިފައި ހަވީރު 6:00 އިން ރޭގަނޑު 9:15 ގަ އެވެ. އާންމުކޮށް ހުޅުވާލައިގެން ބާއްވާ ސެމިނާގައި ކެމްޕަހަށް ގޮސްގެންނާއި އޮންލައިން ވެސް ބައިވެރިވެވޭނެ އެވެ.

ނަޝީދު މިއަދު އައްޑު އަށް ކުރައްވާ ދަތުރުގެ ވާހަކަ ޓްވިޓާގައި ވެސް ހިއްސާކުރައްވާފައިވެ އެވެ. އެ މަނިކުފާނު މިހާތަނަށް ސިޔާސީ ވަރަށް ގިނަ ދަތުރުތަކުގައި އައްޑު އަށް ވަޑައިގެންފައިވެ އެވެ.