Last Updated: July 17, 18:07
Saturday, July 18, 2026
ޚަބަރު

ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް ސުމެއް!

ނޭޕާލުގެ ވެރިރަށް، ކަތުމަންޑޫގައި މިހާރު ކުރިއަށްދާ ހަ ވަނަ ވިމެންސް ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިއްޔެ ޕާކިސްތާނާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުން ގައުމީ އަންހެން ޓީމު ބަލިވެއްޖެ އެވެ.

ކަތުމަންޑޫގެ ދަސްރަތު ސްޓޭޑިއަމްގައި ކުޅުނު މެޗްގައި ރާއްޖޭގެ ޓީމު ބަލިވީ 0-7 އިންނެވެ. މިއާ އެކު ރާއްޖޭގެ ޓީމަށް ވަނީ ގްރޫޕް ސްޓޭޖުން ޕޮއިންޓެއްވެސް ނުލިބި އިދިކޮޅަށް ގޯލެއް ވެސް ނުޖެހި މުބާރާތުން ކަޓައިފަ އެވެ.

ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން އަންހެން ޓީމު ބަލިވީ 0-3 އިންނެވެ. އަދި ދެ ވަނަ މެޗުގައި އިންޑިއާ އަތުން ބަލިވީ 0-9 އިންނެވެ. އިއްޔެގެ މެޗަށް ޕާކިސްތާނާއި ރާއްޖެ ނުކުތް އިރު ވެސް ދެ ގައުމަށް ސެމީ ފައިނަލުގެ ފުރުސަތު ގެއްލިފަ އެވެ.

ރާއްޖެ ހިމެނޭ ގްރޫޕުގެ އެއް ވަނަ ހޯދީ ބަންގްލަދޭޝް އެވެ. ނުވަ ޕޮއިންޓާ އެކު އެޓީމުން އެއް ވަނަ ކަށަވަރުކުރީ އިއްޔެ އިންޑިއާ 0-3 އިން ބަލިކޮށްގެންނެވެ. ދެ ވަނަ އަށް ދިޔަ އިންޑިއާ އަށް ލިބުނީ ހަ ޕޮއިންޓެވެ.

އަނެއް ގްރޫޕުގެ އެއް ވަނަ ހަ ޕޮއިންޓާ އެކު ހޯދީ ނޭޕާލެވެ. ދެ ވަނަ އަށް ދިޔަ ބޫޓާނަށް ތިން ޕޮއިންޓް ލިބުނުއިރު ފުލަށް ދިޔައީ ސްރީ ލަންކާ އެވެ. އެ ގައުމު ވެސް ގްރޫޕް ސްޓޭޖުގެ ދެ މެޗުން ވެސް ބަލިވެފައިވެ އެވެ.

ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝް ނުކުންނާނީ އަންނަ ހުކުރު ދުވަހު ބޫޓާނާ ދެކޮޅަށެވެ. ހަމަ އެ ދުވަހު ދެ ވަނަ ސެމީގައި ވާދަކުރާނީ އިންޑިއާ އާއި ނޭޕާލެވެ.

މި މަހުގެ 6 ގައި ފެށި ހަ ވަނަ ވިމެންސް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗު އޮންނާނީ އަންނަ ހޯމަ ދުވަހު އެވެ.