ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ގެނައުމަކީ، ކުޑަކުދިންނަށް ދިމާވާ މައްސަލަތަކަށް އޮތް ހައްލެއް ނޫން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެެވެ.
މިއަދު ރޮސްރޯޑްސް މޯލްޑިވްސްގައި ފެށި "ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް" އިފްތިތާހުކޮށްދެއްވައި ރައީސް ވިދާޅުވީ،ކުޑަކުދިންގެ ހެދި ބޮޑުވުމަށާއި، އެ ކުދިންގެ ސަލާމަތާއި ރައްކާތެރި ކަމަށް އެންމެ މުހިންމީ ޢާއިލީ ގުޅުމުގެ ބަދަހިކަން ކަމަށާއި، ޢާއިލާގެ ތެރެއިން އެ ކުދިންނަށް ލޯތްބާއި އޯގާތެރިކަން އިހުސާސް ވާނީ، ގެވެށި ގުޅުން ބަދަހިވި ވަރަކުން ކަމަށެވެ. އެހެންވެ ގެވެށި ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން، ސަރުކާރުން މިހާރު ވެސް ގިނަ ޕްރޮގްރާމްތަކެއް ހިންގަމުންދާ އަންނަ ކަމަށް ވިދާޅުވި އެވެ.
"ދައުލަތުން ކިތަންމެ އޯގާތެރިކަމާ އެކީ، ކިތަންމެ ހޭހަންކޮށްގެން ކުދިން ބެލެހެއްޓިޔަސް، މައިންބަފައިންގެ ލޯބިން މަޙްރޫމުވުމުން ކުޑަކުދިންނަށް އެލިބޭ އުނިކަމާއި ހިތްދަތިކަން ފޫބެއްދޭނެ ގޮތެއް ނޯންނާނެ." ރައީސް ވިދާޅުވި އެވެ.
އެ މޭރުމުން އެ މަނިކުފާނު ވިދާޅުވީ ކުދިންގެ ކުރިމަގަށް އެންމެ ރަނގަޅު ގޮތަކީ، ގާތްތިމާގެ މީހުންނާ އެކީގައި މުޖުތަމަޢާ ލާމެހިގެން އުޅެވޭނެ ގޮތެއް ހޯދައި ދިނުން ކަމަށެވެ. އެގޮތުން ކުޑަކުދިންގެ ހިޔާ އަދި ހުޅުމާލެ ފިޔަވަތީގައި ދައުލަތުގެ ފަރާތުން ބަލަހައްޓަމުން އައި ކުދިންނަށް އިޖުތިމާޢީ ޢާއިލީ ވެއްޓެއް ހޯދައިދިނުމަށް، ހަ ރަށެއްގައި ޖެންޑަ މިނިސްޓްރީގެ ފަރާތުން އަމާން ވެށިތަކެއް ޤާއިމުކޮށް، އެ ކުދިން މިހާރު ވާނީ އެ ތަންތަނަށް ބަދަލުކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
"ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ތަފާތު އެތައް ދާއިރާއަކުން އަޅުގަނޑުމެން މިއަދު މަސައްކަތް ކުރަންޖެހޭ. އެގޮތުން ކުޑަކުދިން މަސްތުވާތަކެތީގެ ނުރައްކަލުން ސަލާމަތް ކުރުމަކީ، މިއަދު އުފުލަންޖެހިފައިވާ އެންމެ ބޮޑުއެއް ޒިންމާ." ރައީސް ވިދާޅުވި އެވެ.
"ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް" އާ ބެހޭ ގޮތުން ގުޅޭ ރައީސް ވިދާޅުވީ އެ މިސިމްޕޯޒިއަމް ފެށި އެކަމަށް ނުހަނު ބޭނުންވެފައިވާ ދަނޑިވަޅެއްގައި ކަމަށެވެ. އެގޮތުން، ކުޑަކުދިންގެ ޙައްހުތައް ރައްކާތެރިކުރުމުގައި ހުރި ގޮންޖެހުންތަކަކީ ކޮބައިކަން، މީގެ މަޝްވަރާތަކުން ދެނެގަނެވޭނެ ކަމަށް ވިދާޅުވި އެވެ.
ޗިލްޑްރެން އޮމްބޮޑްޕާސަންސް އޮފީހުން އިންތިޒާމުކޮށްގެން ފެށި "ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް" ކުރިއަށް ދާނީ މާދަމާގެ ނިޔަލަށެވެ.