ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މިހާރުގެ އަދަދަށް ވުރެ މެމްބަރުން ދެން އިތުރުނުކުރަން ގާނޫނުއަސާސީއަށް ބަދަލު ގެންނަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހުށަހެޅުއްވި ބިލު އަނބުރާ ގެންގޮސް، ޕާޓީތަކާ މަޝްވަރާ ކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް އެދިވަޑައިގެންފި އެވެ.
މިކަމާ ބެހޭ ގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު ވިދާޅުވީ މާމިގިލީ ދާއިރާގެ މެމްބަރު ހުށަހެޅުއްވި އިސްލާހަކީއެފަދަ ބޮޑު ބަދަލެއް ގެންނައިރު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަންޖެހޭ ކަމެއް ކަމަށެވެ.
"އެހެންކަމުން އަޅުގަނޑު ދެކެނީ މި ބިލާ ދޭތެރޭ އިތުރަށް ވިސްނައި، އިތުރަށް މަޝްވަރާކުރެއްވުމަށް އިއްޒަތެރި މެމްބަރު މި ބިލު އަނބުރާ ގެންދެވުމަށް." އަސްލަމް ވިދާޅުވި އެވެ.
ނަމަވެސް އޭނާ ވިދާޅުވީ މެމްބަރުންގެ އަދަދު ލިމިޓްކުރަން ދެކޮޅު ނޫން ކަމަށާއި އެ ބިލު މިހާރު އޮތް ގޮތަށް މަޖިލީހަށް ހުށަހެޅުމުގެ ކުރިން ވިސްނަން ޖެހޭ ގިނަ ކަންކަން އެބަހުރި ކަމަށެވެ. އަސްލަމް ވިދާޅުވި ގޮތުގައި ކޮންމެ 5،000 މީހުންގެ އާބާދީއަކަށް މެންބަރަކު އިތުރުވާ ގޮތަށް ގާނޫނުއަސާސީގައި މިހާރު އޮތް ގޮތަށް ކަނޑައެޅީ އާބާދީ ބޮޑު ތަންތަން، މަޖިލީހުގައި ތަމްސީލުވާ ވަރު ކުޑަކަމަށް ފެނިގެން ކަމަށެވެ.

"މާލޭގައި ވެސް ދެ މެމްބަރުން އައްޑޫގައި ވެސް ދެ މެންބަރުން. މި ދެންނެވިހެން ބައެއް ކުދިކުދި އަތޮޅުގައި އެއްހާސް ދެހާސް ހަމަނުވާ އަތޮޅު ތަކަށް ވެސް ދެ މެންބަރުން، އެހެންވީމާ އެއީ އިންސާފެއް ނޫން ކަމަށް އެ މަޖިލީހަށް ފެނިގެން." އޭނާ ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ މަޖިލީހުގެ ކޮމްޕޮޒިޝަނަށް ބަދަލެއް ގެނެސް، މެމްބަރުންގެ އަދަދާ ގުޅޭ ގޮތުން ގާނޫނުއަސާސީއަށް އިސްލާހު ގެންނަ އިރު، މަޖިލީހުން އަންހެން މެންބަރުންނަށް ޖާގަ ލިބޭނެ ގޮތަކަށް ވެސް ބިލު އެކުލަވާން ޖެހޭ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދަކީ މިހާރު 87 އެވެ. އަދި އެ އަދަދު ހިފަހެއްޓުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ތާއީދުކުރައްވާ ކަމެކެވެ.
ގާސިމްގެ އިސްލާހު މަޖިލީހަށް ފޮނުވީ މިދިޔަ މަހުގެ ފަހުކޮޅު އެވެ.