Last Updated: June 29, 19:00
Monday, June 29, 2026
ރިޕޯޓް

ތަރައްގީ އަށް އަގުހެޔޮ ދަތުރުފަތުރެއް ބޭނުން

އައްޑޫ ތަރައްޤީކޮށް ކުރިއަށްދާން ބޭނުން ނަމަ އަގުހެޔޮ ދަތުރުފަތުރެއް ބޭނުންވެއެވެ. ރާއްޖޭގެ އެންމެ ދެކުނު ބިތުގައި އޮތް އައްޑޫގެ އެތައް ހާސް ރައްޔިތުންނެއް މިއަދު ގޮވަމުންދަނީ އަގު ހެޔޮ ދަތުރުފަތުރުގެ ނިޒާމަކާ އެކު ތަރައްޤީ އެވެ.

އާބާދީ ބޮޑު އައްޑުއަކީ އިގްތިސާދީ ގޮތުން ބަލާއިރު ގިނަ ކަންކަން ކުރެވިދާނެތަނެކެވެ. ބިން ބޮޑެވެ. ކިޔަވައިގެން ތިބި ތައުލީމީ ގާބިލް މީހުން ގިނަ އެވެ. ކުރާނެ ކަމެއް ނެތި ވާޒީފާއަކަށް ބަލަބަލާ ތިބި ޒުވާނުންވެސް އެހާ ގިނައެވެ. އަމިއްލަ އެތައް މަސައްކަތެއް ފަށައި ކުރި ނޭރި ތިބި މީހުން ވެސް އެހާ ގިނައެވެ.

ރިއާސީ އާ ދައުރެއް ފެށިގެންދާއިރު އައްޑޫ ރައްޔިތުންގެ އުންމީދު ވަރަށްވެސް ބޮޑެވެ. އައްޑޫގެ ތަރައްޤީގެ ދުވެލި ބާރުވެ، ޖީބަށް ވަންނަ ފައިސާގިނަވެ، ފުދުންތެރި ބަޔަކަށް ވުމުގެ އުންމީދު އިންތިހާއަށް މަތިއެވެ. އެކަމަކު އެ އުންމީދާއި ގުޅިފައިވަނީ ހަރުދަނާ އަގުހެޔޮ ދަތުރު ފަތުރުގެ ނިޒާމެކެވެ.

އެންމެ ފުރަތަމަ ވައިގެ ދަތުރަށް ބަލަމާ ހިނގާށެވެ. މާލެއިން އައްޑޫއަށް ދުވާލަކު ފަސް ފްލައިޓް ވަރު އޮޕަރޭޓް ކުރެއެވެ. އެއީ ގާތްގަޑަކަށް 200 އެއްހާ މީހުންގެ ޖާގައެވެ. މޯލްޑިވިއަންގެ ބޯޓުތަކަށް އެންމެ ބާރު ބޮޑު ސެކްޓާ އަކީ ގަން/މާލެ/ ގަންއެވެ. އާއްމު އަގަށް ބަލާއިރު މޯލްޑިވިއަންއިން ކޮޅަކަށް 1728ރ ނުވަތަ 112 ޑޮލަރު ނަގައެވެ. ފަތުރުވެރިއެއް ނަމަ ކޮޅަކަށް 3359 ރުފިޔާ ނުވަތަ 217 ޑޮލަރުގެ އަގެއް ދައްކަންޖެހެއެވެ.

އައްޑޫގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރަމުން އަންނަ ކުދި ވިޔަފާރިވެރިންގެ އެންމެ ބޮޑު ޝަކުވާއަކީ ފަތުރުވެރިން އަތުން އައްޑޫއަށް އައުމަށް ނަގާ ޗާޖް ބޮޑުމުގެ ޝަކުވާއެވެ. ދަތުރުފަތުރަށް ކުރަން ޖެހޭ ހޭދަ ބޮޑުވުގެ ސަބަބުން އައްޑޫއަށް ފަތުރުވެރިން އަންނާކަށް ބޭނުމެއް ނުވެއެވެ.

މީދޫގައި ގެސްޓް ހައުސްްއެއް ހިންގަމުން އަންނަ ޗާމިން ހޮލިޑޭގެ ވެރިއާ އަހްމަދު ހާމިދުގެ ޝަކުވާއަކީވެސް އޭނާއަށް ލިބޭ ރިޒަވޭޝަން މާލެ/ ގަން ޓިކެޓްގެ އަގާއި އެކު ކެންސަލްވުމުގެ ޝަކުވާއެވެ. ހާމިދުގެ ގެސްޓް ހައުސްއަށް އައުމަށް ފަތުރުވެރިން ޝައުގުވެރިވެއެވެ. އެމީހުން އައްޑޫއާއި ގުޅޭ ގިނަ މައުލޫމާތު ހޯދައެވެ. އެކަމަކު ދަތުރުފަތުރުގެ އަގުގެ ހިސާބުން އެމީހުންގެ ޝައުގުވެރިކަން ގެއްލެއެވެ.

"އަޅުގަނޑުމެންނަށް ވަރަށް ބައިވަރު ރިޒަވޭޝަން އާދޭ. އެކަމަކު ކިހިނެއް ކުރިއަށްދާނީ، ޓިކެޓްގެ އަގު ބުނާ ހިސާބުން އެމީހުން ހުއްޓުން އަރާ"

ހާމިދު ފަދަ އެތައް ބަޔަކު އައްޑޫގައި ފަތުރުވެރިކަން ކުރިއަށް ނުގެންދެވިގެން އެބަތިއްބެވެ. އައްޑޫގައި ހިންގާ އެންމެ ދުވަސްވީ ހޮޓާ އީކުއޭޓާރ ވިލެޖަށްވެސް ކުރިމަތިވެފައިވަނީ މި މައްސަލައެވެ. ޗާޓަރު ފްލައިޓެއްގައި ޔޫރަޕުން ފަތުރުވެރިން ގެންނަން ފެށުމުން އައްޑޫއަށް ޒިޔާރަތް ކުރާ ފަތުރުވެރިން ގިނައެވެ.

ބައިނަލް އަގްވާމީ ދަތުރުތަކަށް އައްޑޫ އެދި އެދި އޮންނަތާ އެތައް ދުވަހެއްވެއްޖެއެވެ. "އިންޓަނޭޝަނަލް އެއާޕޯޓް"ގެ ނަން ބޮޑު އަޅުވައިގެން ޑޮމެސްޓިކް ބޯޓުތަކުގައި އަގުބޮޑު ދަތުރުކޮށްފައި އައްޑޫއަށް އަންނާކަށް ފަތުރުވެރިން ބޭނުމެއް ނޫނެވެ. އެހެންވެ ފަތުރުވެރިކަމުގެ ސިނާއަތު އައްޑޫގައި ކޮޅަށް ޖެހުން ވަނީ ބޮޑު ގޮންޖެހުމަކަށް ވެފައެވެ.

ވައިގެ ދަތުރުފަތުރުގެ އަގުބޮޑުކަމުގެ ސަބަބުން ތަރައްޤީގެ ދުވެލި މަޑުޖެހިފައިވާއިރު ބިން ބޮޑު އައްޑޫގެ ކަނޑާއި އެއްގަމުގެ ދަތުރުތައްވެސް އޮތީ އެހާމެ ހާލުގައެވެ. އެއްގަމާއި ކަނޑުގެ ދަތުރުފަތުރުގެ ހިދްމަތް ދިނުމަށް ހަވާލުކުރި ކުންފުނި ފެއިލްވެފައިވާއިރު އެކަމާއި އަޅާލާނެ ފަރާތެއް ނެތެވެ.

ވަކިން އޮންނަ ހުޅުމީދޫ އާއި ގުޅިފައިވާ 4 ރަށާއި ދެމެދު ގުޅާލުމަށް އޮތީ "ފިނިހަކަ" ދުވެލީގެ އެންމެ ދޯންޏެކެވެ. ދޯނި ދަތުރު ކުރުމާއި ނުކުރުން ގުޅިފައިވަނީ ދޯނި ކެޕްޓަންގެ މަހު މުސާރަ އާއިއެވެ. މުސާރަ ލިބިއްޖެނަމަ ދަތުރު އޮންނާނެއެވެ. މުސާރަ ނުލިބޭނަމަ ދަތުރުފަތުރު ހުއްޓުނީއެވެ.

ޓްރާސްޕޯޓް މިނިސްޓަރުގެ ނައިބް ވިދާޅުވީ އައްޑޫގެ ދަތުރު ފަތުރުގެ ހާލަތު ސަރުކާރަށް "އެނގޭ" ކަމަށެވެ. ނަމަވެސް އަދި ހައްލެއް ނެތްކަމަށެވެ. ދަތުރު ފަތުރުގެ ހިދްމަތްދޭ އެމްވީކޭއަށް ނަސޭހަތްދީ، ހުރި ދަތިކަމުގެ ވާހަކަ އޮޅުން ފިލުވާފައިވާ ކަމަށެވެ. އަދި ސަރުކާރުން އެކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

އައްޑޫއަށް ބޭނުންވާ އަގުހެޔޮ ހަރުދަނާ ދަތުރުފަތުރުގެ ނިޒާމް ބެލެހެއްޓުމުގައި ކައުންސިލްގެ ދައުރުވެސް ކުޑައެއް ނޫނެވެ. އެކަމަކު މިކަން ކަން އިސްލާހްކޮށް ރެގިއުލޭޓް ކުރުމަށް ކައުންސިލަށްވެސް އެދެވޭ މަސައްކަތެއް ނުކުރެވެއެވެ.

އައްޑޫ ތަރައްޤީކުރަން އެދޭނަމަ ދަތުރުފަތުރުގައި ހުރި ގޮންޖެހުންތަކަށް ފިލުވާލަންޖެހެއެވެ. ވައިގެ އަގުތަކާއި މެދު ސަރުކާރާއި ކަމާއި ބެހޭ ފަރާތްތަކުން ވިސްނާ ހަރުދަނާ ފިޔަވަޅެއް އަޅަން މާލަސްވެއްޖެއެވެ. އައްޑޫގެ ކުރިމަގަށް ފަތުރުވެރިކަން ވަރަށް މުހިއްމެވެ. މިކަމަށް ކިހާ އަވަހަކަށް ހައްލެއް އަތުވެދާނެބާވައެވެ؟