Last Updated: April 27, 09:46
Saturday, April 27, 2024
ޚަބަރު

ސައީދު މެމްބަރަކަށް ހޮވުނީ 22 މިލިއަން ހަރަދުކޮށްގެން

މާވަށު ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ސައީދު ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެންނެވީ 22 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކަމަށް މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަތު ތޯރިގް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އާއި ޕީއެންސީ އަކީ އެއް ކޯލިޝަނެއްގައި ހިމެނޭ ދެ ޕާޓީ ކަމަށްވާއިރު، ތޯރިގް މިކަން ހާމަކުރެއްވީ މަޖިލީހުގެ މެމްބަރުންގެ އަދަދު ލިމިޓް ކުރަން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހުށަހެޅުއްވި އިސްލާހަށް ބަހުސް ކުރައްވަމުންނެވެ.

މިއަދުގެ ޖަލްސާގައި ވާހަކަދައްކަމުން ތޯރިގު ވިދާޅުވީ އެމީހާގެ ވޯޓު އެމީހާގެ ފޮއްޓަށް ނުލެވޭ މީހުން މަޖިލީހަށް ވަޑައިނުގަތުން މާ ރަނގަޅުވާނެ ކަމަށާއި އެފަދަ މީހުންނަށް ރައްޔިތުންގެ އިހުސާސް ރަނގަޅަށް އެނގިވަޑައިނުގަންނަވާނެ ކަމަށެވެ.

"މާވަށު ދާއިރާގެ އިއްޒަތްތެރި މެންބަރު އިއްޔެ އަޅުގަނޑަށް ދެންނެވި، އަޅުގަނޑު އައިސް މި އިނީ ބާވީހަކަށް މިލިއަން ރުފިޔާ ހަރަދުކޮށްގެން ކޮންޓްރެކްޓް އުސޫލުންނޭ. މިއީ ނޫންތޯ ހަގީގަތަކީ." ތޯރިގު ވިދާޅުވި އެވެ.

މިގޮތަށް މަޖިލީހަށް އިންތިހާބުވާ މެމްބަރުންގެ ކިބައިގައި ދާއިރާގެ ރައްޔިތުންނާއި މެދު އަސަރެއް ކުލުނެއް ނުހުންނަ ކަމަށާއި މިއީ ފެންނަން އޮތް ހަގީގަތް ކަމަށްވެސް ތޯރިގު ވިދާޅުވި އެވެ. ތޯރިގު މިހެން ވިދާޅުވިއިރު ސައީދަކީ ހއ.އަތޮޅަށް ނިސްބަތްވާ ބޭފުޅެއްކަން ފާހަގަކޮށްލެވެ އެވެ.

މިއީ މަޖިލީހުގެ ތެރޭގައި އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ މެމްބަރުން އެއް ބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާ ބަދަލުކުރި ފުރަތަމަ ފަހަރެވެ.