Last Updated: July 23, 13:59
Thursday, July 23, 2026
ދުނިޔެ

ޒެލެންސްކީ އެކްސިޑެންޓްވެއްޖެ

ޔުކްރޭނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އެކްސިޑެންޓްވެއްޖެ އެވެ.

ޔުކްރޭންގެ ރައީސްގެ ތަރުޖަމާނު ނެރުއްވި ބަޔާނެއްގައި ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ ޔުކްރޭންގެ ވެރިރަށް ކީވްގައި ޒެލެންސްކީ ހުންނެވި ކާރުކޮޅު އެހެން ކާރެއްގައި ޖެހިގެން ކަމަށެވެ.

މި އެކްސިޑެންޓާއި ގުޅިގެން ޑޮކްޓަރުން ބަލަންޖެހޭ ބެލުންތައް ބަލާފައިވާ ކަމަށާއި ޒެލެންސްކީ އަށް ސީރިއަސް އަނިޔާއެއް ވެފައި ނުވާ ކަމަށް ބުނެފައިވެ އެވެ. މި އެކްސިޑެންޓްގައި އަނެއް ކާރު ދުއްވަން ހުރި ފަރާތަށް ވަނީ އެ ސަރަހައްދުގައި ފަރުވާދިނުމަށްފަހު އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

ރަޝިއާ އިން ޔުކްރޭނުގެ އެކި ސަރަހައްދުތަކަށް އަރައިގަނެ ބައެއް ސަރަހައްދުތައް ހިފާފައިވާއިރު، ފާއިތުވި ދުވަސްތަކުގައި ޔުކްރޭނުގެ އަސްކަރިއްޔާ އިން ވަނީ ރަޝިއާގެ ބާރުގެ ދަށުން ބައެއް ސަރަހައްދުތައް މިނިވަންކޮށްފަ އެވެ.

ޒެލެންސްކީ ގެންދަވަނީ އެގޮތަށް މިނިވަން ކުރި ސަރަހައްދުތަކަށް ޒިޔާރަތް ކުރައްވަމުންނެވެ. އެގޮތުން އިއްޔެ ޒެލެންސްކީ ވަނީ ޔުކްރޭންގެ އަސްކަރިއްޔާގެެ ދަށަށް އަލުން ގެނައި އެގައުމުގެ އުތުރުގައި އޮންނަ އިޒުމް ސިޓީއަށް ޒިޔާރަތް ކުރައްވާ ސިފައިންނަށް ހިތްވަރު ދެއްވާފަ އެވެ.