Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

ރިޔާސީ އިންތިހާބަކީ ރީތީގެ މުބާރާތެއް ނޫން

ރައީސަކު ހޮވަން ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބަކީ ރީތީގެ މުބާރާތެއް ނޫން ކަމަށް ވިދާޅުވެ، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައިންސް (އެމްޑީއޭ) އަށް ޝެއިހް ޒައިދު ފާޑުވިދާޅުވެއްޖެ އެވެ.

އެ ޕާޓީގެ ފަރާތުން އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ ޕާޓީގެ ލީޑަރު އަހުމަދު ސިޔާމުހާ ރީތި މީހަކު ކެންޑިޑޭޓުންހެ ތެރޭގައި ނެތް ކަމަށާއިި އެކަމަށް ބަލައިފައި ވެސް ރައްޔިތުން އޭނާ އަށް ވޯޓްދީ އެއްބުރުން އިންތިހާބު ކާމިޔާބުކުރާނެ ކަމަށް ބުނެ އެމްޑީއޭ އިން ދެއްކި ވާހަކަތަކަކާ ގުޅިގެން ޒައިދު ކުރއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބަކީ އެންމެ ރީތި މީހާ ހޮވަން ކުރާ ކަމެއް ނޫން ކަމަށާއި ވޯޓް ލާން ވާނީ އެންމެ ތެދުވެތި އިހުލާސްތެރި މީހަކަށް ކަމަށެވެ.

"ވެރިކަމަކީ ބޮޑު މަސްއޫލިއްޔަތެއް. ވައުދުތަކާ އަހުދުތަކެއްވެގެން އާދެވޭ، މަސްއޫލިއްޔަތު ނުއުފުލައިފި ނަމަ ގިޔާމަތް ދުވަހުން ސުވާލުކުރެވޭނެ ބޮޑުވެގެންވާ ކަމެއް." ޒައިދު ވިދާޅުވި އެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސްކަމަށް ކުރިމަތިލައްވާ ކެންޑިޑޭޓުންގެ ތެރޭގައި، ސިޔާމަށް ވުރެ ރީތި ބޭފުޅަކު ނެތް ކަމަށާއި އެއީ އިންތިހާބުގައި އެ ޕާޓީ އަށް ލިބޭނެ އިތުރު ޕޮއިންޓެއް ކަމަށް ވިދާޅުވީ އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފެވެ. އޭނަ ވިދާޅުވި ގޮތުގައި އިންތިހާބަށް ނުކުންނަވާ ކެންޑިޑޭޓުންގެ ތެރޭގައި ސިޔާމަށް ވުރެ "ޒުވާން، ރީތި، ސްމާޓް" ބޭފުޅަކު ވެސް ނެތެވެ. އެހެންވެ އެއީ އެ ޕާޓީ އަށް ވޯޓު ލިބޭނެ "ޕްލަސް ޕޮއިންޓެއް" ޖަމަށް ވިދާޅުވި އެވެ.

މައުރޫފް ވިދާޅުވީ 2008 ގެ އިންތިހާބުގައި ޑރ.ހަސަން ސައީދަށް 25000 ވޯޓް ލިބުނުކަމަށާއި ތަޖުރިބާއެއް ނެތް ބޭފުޅަކަށް އެހައި ގިނަ ބަޔަކު ވޯޓް ދިނީ އޭނަ ރީތިވީމަ ކަމަށެވެ.

"ހަސަން ސައީދުގެ ރީތިކަމަށް ވޯޓް ދިނީ. އެހެން ކޮން ކަމަކަށްތޯ؟ އެއްވެސް ވިޔަފާރި އެއް ކުރި ބޭފުޅެއް ނޫން. އެއްވެސް ތަނަވަސްކަމެއް، މާލީ ތަނަވަސްކަމެއް ހުރިބޭފުޅެއް ނޫން، ހަމަ ކުޑަ ދުވަސްކޮޅަކު ރައީސް މައުމޫން އާއި އެކީގައި އެވެރިކަމުގެ ކޮއިލު ތެރޭގައި އުޅެލިކަން." ވިދާޅުވި އެވެ. "އެހެން ނަމަވެސް އަޅުގަނޑު ކައިރި އެތައް އަންހެން ކުދިންނެއް އެތައް ކުދިންނެއް ބުނި ހަސަން ސައީދަށް ވޯޓް ދިނީ ރީތިކަމުންނޭ. އެހެންވީމަ އަޅުގަނޑުމެންނަށް އެބަ އިނގޭ އެމެރިކާގައި ވެސް ބިލް ކްލިންޓަން އަށް ވެސް އޮބާމާ އަށް ވެސް ވޯޓް އެބަ ލިބޭ ކަން ވަކި ޕަސެންޓެއް މީހާގެ ރީތި ކަމަށް. އެހެންވީމަ އަޅުގަނޑުމެންގެ ރައީސަށް ވުރެ ސްމާޓް ރީތި ބޭފުޅެއް ނެތް މިއަދު ރިޔާސީ ރޭހަކު."

މައުރޫފް އިއްޔެ ރޭ ދެއްކެވި މި ވާހަކަތަކާ ގުޅިގެން ވަރަށް ގިނަ ބަޔަކު އެކަމަށް މަލާމާތްކޮށް، ސޯޝަލް މީޑިއާގައި ޖޯކް ވެސް ޖަހާފައިވެ އެވެ.