Last Updated: June 11, 06:42
Thursday, June 11, 2026
ޚަބަރު

ޕީޕީއެމްގައި ރިޔާސީ އިންތިހާބަށް އޮތް އުންމީދު ގެއްލިއްޖެ: އިކްރާމް

މެމްބަރު އިކްރާމް ހަސަން- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިދިކޮޅު ޕީޕީއެމްގެ ތެރޭގައި ރިޔާސީ އިންތިހާބަށް އޮތް އުންމީދު ގެއްލިއްޖެ ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

އިކްރާމް މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިއްޔަގެ ޖަލްސާގައި ޕީޕީއެމްގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް، މާވަށު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސައީދަށް ބަހުގެ ހަމަލާތަކެއް އަމާޒުކުރުމާ ގުޅިގެންނެވެ.

އެގޮތުން އިކްރާމް ފޭސްބުކްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ޕީޕީއެމް ޕީއެންސީ ގެ ތެރޭގައި ރިޔާސީ އިންތިހާބަށް އޮތް އުންމީދު ގެއްލި، ގުޅުން ހީނަރުވެ، އަމާޒުތައް ވިއްސިވިހާލި ވާން ފަށާފައިވާ ކަމަށެވެ.

"ރައީސް ޔާމީނު ޝަރީޢަތްތަކުން ސަލާމަތްނުވެވިފައި. ވެރިކަމުގެ އާރާއިބާރުގައި ދެއްކި ވާހަކަތަކާއި ކުރިހާ ކަމެއް އެއީ ނުވާކަންކަމަށް ހައްދަވަން މޮޔަ ގޮވަނީ." އިކްރާމް ވިދާޅުވެފައިވެއެވެ.

އިކްރާމް ވިދާޅުވީ އުންމީދެއް އޮތީ ޖަޒީރާވަންތަ ދިރިއުޅުމަކަށް މިރާއްޖެ މިސްރާބު ހިފައި، އެމަގަށް މަސައްކަތް ހިފާފައިވާ އެމްޑީޕީ އާއިއެކު 2023 އަށް ތައްޔާރުވުމުން ކަމަށެވެ. ދާއިރާގެ ރައްޔިތުންނަށްވެސް އަދި ރަށްރަށަށްވެސް އެންމެ ރަނގަޅު ގޮތަކީ ފެތެމުންދާ އޮޑިއަަށް ނުބަލައި ބާރުދުވެލީގައި ދުއްވާފައި ޖަޒީރާ ރާއްޖެއަށް ދަތުރު ފަށާފައިވާ އެމްޑީޕީގެ އޮޑިއަށް އެރުން ކަމަށް އިކްރާމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔަގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ތޯރިގު ވިދާޅުވީ، އެމީހާގެ ވޯޓު އެމީހާގެ ފޮއްޓަށް ނުލެވޭ މީހުން މަޖިލީހަށް ވަޑައިނުގަތުން މާ ރަނގަޅުވާނެ ކަމަށާއި އެފަދަ މީހުންނަށް ރައްޔިތުންގެ އިހުސާސް ރަނގަޅަށް އެނގިވަޑައިނުގަންނަވާނެ ކަމަށެވެ.

"މާވަށު ދާއިރާގެ އިއްޒަތްތެރި މެންބަރު އިއްޔެ އަޅުގަނޑަށް ދެންނެވި، އަޅުގަނޑު އައިސް މި އިނީ ބާވީހަކަށް މިލިއަން ރުފިޔާ ހަރަދުކޮށްގެން ކޮންޓްރެކްޓް އުސޫލުންނޭ. މިއީ ނޫންތޯ ހަގީގަތަކީ." ތޯރިގު ވިދާޅުވިއެވެ.

މިގޮތަށް މަޖިލީހަށް އިންތިހާބުވާ މެމްބަރުންގެ ކިބައިގައި ދާއިރާގެ ރައްޔިތުންނާއި މެދު އަސަރެއް ކުލުނެއް ނުހުންނަ ކަމަށާއި މިއީ ފެންނަން އޮތް ހަގީގަތް ކަމަށްވެސް ތޯރިގު ވިދާޅުވިއެވެ.