Last Updated: June 11, 06:42
Thursday, June 11, 2026
ޚަބަރު

ނިހާންގެ ހެކިންނަށް ޝަމީމް، މަހުލޫފް އަދި އަލީ ވަހީދު

އަހުމަދު ނިހާން ހުސައިން މަނިކް--

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު މައްސަލައިގައި ދައުވާ ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކްގެ ދިފާއީ ހެކިންގެ ގޮތުގައި ޕީޖީ ހުސައިން ޝަމީމް، ޔޫތް މިނިސްޓަރު އަހުމަދު މަހުލީފް އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބަލައިގަނެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ނިހާނުގެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ޕީޖީ ޝަމީމް ހެއްކެއްގެ ގޮތުގައި ބަލައިގަތުމަށް ކޯޓުން ނިންމާފައިވާއިރު، މިއީ ޕީޖީގެ މަގާމުގައި ހުންނެވި ބޭފުޅަކު ހެއްކެއްގެގޮތުގައި ކޯޓަކުން ބަލައިގަތް ފުރަތަމަ ފަހަރެވެ.

ނިހާންގެ މައްސަލައިގައި ޝަމީމް ދިފާއީހެއްކެ ގޮތުގައި ހުށަހަޅާފައިވަނީ އަދީބުގެ ވަކީލަކަށް އުޅުއްވިއިރު ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. މީގެއިތުރުން މިނިސްޓަރު މަހުލޫފް އަދި އަލީ ވަހީދުވެސް ދިފާއީ ހެކިންގެ ގޮތުގައި ބަލައިގަތުމަށް ނިންމާފައިވެއެވެ.

މީގެއިތުރުން ނިހާނުގެ ހެކިންގެގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމްގެ ނަންވެސް ހުށަހަޅާފައިވާއިރު މައްސަލަ ބައްލަވާ ގާޒީ ނިންމެވީ ރައީސާއި ނައިބު ރައީސް ދިފާއީ ހެކިންގެ ގޮތުގައި ބަލައިނުގަތުމަށެވެ.

މިމައްސަލައިގައި ނިހާޏުގެ ހެކިންގެގޮތުގައި މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ ގިނަ ބަޔަކު ހުށަހަޅާފައިވެއެވެ.

މިމައްސަލައިގައި ދެން ފެށޭނީ ޝަރީއަތުގެ މަރުހަލާއެވެ.

ނިހާންގެ މައްޗަށް އުފުލި ދައުވާގެ ތަފްސީލު:

މިމައްސަލައިގައި ނިހާންގެ މައްޗަށް ވަނީ ހަ ދައުވާއެއް ކޮށްފައެވެ.

ޕީޖީ އޮފީހުން ބުނީ، ނިހާން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރުކަމުގައި އަދި މާލިއްޔަތު ކޮމެޓީގެ މުގައްރިރުގެ މަގާމުގައި ހުރި އިރު، އޭނާގެ މަގާމުގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތައް ވަކިގޮތަކަށް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމުގެ މުގާބިލުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ގާތު ރިޝްވަތަށް އެދި، އަދި އަދީބު ދީފައިވާ ރިޝްވަތު ހިފައި ކުށް ކޮށްގެން ހޯދާފައިވަ ފައިސާ އަތުގައި ބަހައްޓައި އެ ފައިސާ ބޭނުންކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.

ނަމަވެސް ނިހާނަށް ލިބިފައިވާ އެފަދަ އެއްވެސް ފައިސާއެއް ލިބުނުކަން އޭނާ 2014 އިން ފެށިގެން 2019 އާދެމެދު ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ހިމަނާފައިނުވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މި މައްސަލަތަކުގައި ނިހާންގެ މައްޗަށް ދައުލަތުން އުފުލަނީ ރިޝްވަތު ހިފުމުގެ ކުށުގެ ތިން ދައުވާއަކާއި މަނީ ލޯންޑަރިންގެ ދައުވާއަކާއި ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެކެވެ. އަދި މި މައްސަލައިގައި އުފުލާފައިވާ ދައުވާތަކާ ގުޅިގެން ނިހާން ކުށްކޮށްގެން ހޯދާފައިވާ ފައިސާ އަދި އެއާ އެއްކޮށްފައިވާ މުދާ އަދި ފައިސާ ދައުލަތަށް ނަގައިދިނުމަށް ވެސް ކޯޓުގައި ވަނީ އެދިފަ އެވެ.