އިންޓަރގްރޭޑެޓް ޕަބްލިކް ފެރީ ނެޓްވޯރކް މަޝްރޫއުގެ ދަށުން ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) އަށް ބޭނުންވާ ފެރީތައް ބަނުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން އަލްޝާލީ މެރިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.
މިކަމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި އަލްޝާލީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗެއަރމަން އަބްދުﷲ ހުސައިން މުހައްމަދު އަލް ޝާލީ އެވެ.
މި އެއްބަސްވުމުގެ ދަށުން އަލްޝާލީއާ ހަވާލުކޮށްފައިވަނީ 65 ފެރީ ބަނުމަށެވެ. މިއީ 567 މިލިއަން ރުފިޔާއަށް ދެ އަހަރު ދުވަހުގެ މުއްދަތުގައި ނިންމުމަށް ހަވާލުކުރި ޕްރޮޖެކްޓެކެވެ.
އަލްޝާލީއާ ހަވާލުކޮށްގެން ބަންނަ ފެރީތަކަކީ ހައި ސްޕީޑް ފެރީން ރާއްޖެ ގުޅާލުމުގެ ދެވަނަ އަދި ތިންވަނަ ފިޔަވައްސަށް ބޭނުންވާ ފެރީތަކެވެ. މި ފެރީތަކަކީ 50 މީހުން ޖާގައިގެ އެއަރ ކޮންޑިޝަން ފެރީތަކެކެވެ.
ހައި ސްޕީޑް ފެރީން ރާއްޖެ ގުޅާލުމުގެ މަޝްރޫއުގެ ދަށުން މިހާރު ފޭސް 1ގެ ޒޯންތައް ކަމުގައިވާ ހއ، ހދ، އަދި ށ އަތޮޅަށް މިހާރު ވަނީ ހިދުމަތް ދޭން ފަށާފ އެވެ.