ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފިރިހެން ޓެނިސް ކުޅުންތެރިޔާ ރޮޖާ ފެޑެރާ ރިޓަޔާ ކުރަން ތައްޔާރުވެއްޖެ އެވެ.
ފެޑެރާ ،41، ބުނީ މި އަން ހަފްތާގައި އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑުގައި ބާއްވާ ލޭވާ ކަޕަށް ފަހު ޕްރޮފެޝަނަލް ޓެނިހުން ރިޓަޔާ ކުރާނެ ކަމަށެވެ. މިއީ ނިންމަން އެހާ ފަސޭހަވި ނިންމުމެއް ނޫން ކަމަށާއި ނަމަވެސް ހަށިގަނޑު ދެމުންދާ މެސެޖް ވަރަށް ސާފު ކަމަށް ފެޑެރާ ބުންޏެވެ.
އަނިޔާގެ ސަބަބުން މިދިޔަ އަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތަށްފަހު ފެޑެރާ ހުރީ ޓެނިހާއި ދުރުގަ އެވެ.
އުމުރުން 16 އަހަރުގައި ޕްރޮފެޝަނަލް ޓެނިސް ކެރިއަރު ފެށި ފެޑެރާ އޭނާގެ ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކުރީ 2003 ވަނަ އަހަރު އެވެ. ފެޑެރާ ވަނީ އޭނާގެ ކެރިއަރުގައި ޖުމްލަ 20 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފަ އެވެ.
ފެޑެރާ އަށް ވުރެ ގިނައިން ގްރޭންޑް ސްލޭމް ކާމިޔާބު ކުރެވިފައިވަނީ އެންމެ ދެ ކުޅުންތެރިއަކަށެވެ. އެއީ ސްޕެއިންގެ ރަފޭލް ނަޑާލް، 22 ގްރޭންޑް ސްލޭމް، އަދި ސާބިއާގެ ނޮވަކް ޖޮކޮވިޗް 21 ގްރޭންޑް ސްލޭމެވެ.
ސްވިޒަލޭންޑަށް އުފަން ފެޑެރާ އަށް އެންމެފަހުން ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބު ކުރެވުނީ 2018 ގަ އެވެ. އެފަހަރު އޮސްޓްރޭލިއަން އޯޕަން ފެޑެރާ ކާމިޔާބުކުރީ އުމުރުން 36 އަހަރުގަ އެވެ.
ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ އަށް 2004 ވަނަ އަހަރު ފުރަތަމަ ފަހަރަށް ފެޑެރާ އެރިއިރު އޭނާ ވަނީ އެއްވަނައިގައި 310 ހަފްތާ ހޭދަކޮށްފަ އެވެ.