Last Updated: April 26, 22:31
Friday, April 26, 2024
ޚަބަރު

ރާއްޖޭގައި އޮތް ހަމަޖެހުމުގެ އަސްލަކީ ގާސިމް

އަލީ ސޯލިހް - ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި މިވަގުތު އޮތް ހަމަޖެހުމުގެ އަސްލަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް އެ ޕާޓީގެ ތަރުޖަމާން އަލީ ސޯލިހް ވިދާޅުވެއްޖެ އެވެ.

ރޭ "ވީޓީވީ" ގައި ވާހަކަދައްކަމުން އަލީ ވިދާޅުވީ ކިތަންމެ އިލްޒާމެއް ގާސިމްގެ ބޮލުގައި އެޅުވި ނަމަވެސް މިވަގުތާ ހަމައަށް ރާއްޖޭގައި މިއޮތް ހަމަޖެހުން ގެނެސް ދިނުމަށްޓަކައި އެންމެ ބޮޑު ގުރުބާނީއެއް ވެވަޑައިގަންނަވާ ބޭފުޅަކީ ގާސިމް ކަމަށެވެ.

"ރައްޔިތުންގެ ހަމަޖެހުމަކީ ތާ އަބަދު މަގުމަތީގައި ސިޔާސީ ކަންކަން ކުރުމެއް ނޫން. އަޅުގަނޑުމެންގެ ހަމަޖެހުމަކަށް ވާނީ އެކަންކަމަށް އޮންނަ މޫސުމެއްގައި، އެކަންކަމަށް އޮންނަ ވަގުތެއްގައި ނުކުމެ އިންތިހާބުތަކަށް ވާދަކުރުން. ސިޔާސީ މަސައްކަތަކީ ކޮންމެ ރެއަކު ތަންތަނަށް އެއްވުމެއް ނޫން." އަލީ ވިދާޅުވި އެވެ.

އަލީ ވިދާޅުވީ ރަނގަޅު ތަރުތީބުކޮށްގެން މަސައްކަތް ކުރަނީ މަދު ސިޔާސީ ޕާޓީތަކެއް ކަމަށާއި ސިޔާސީ ނިޒާމުގައި ކުރަން އެނގޭހާ ވެސް ކަމަކީ މައްގުމައްޗަށް ނިކުމެ ހަޅޭލެވުމަށް ވެގެން ނުވާނެ ކަމަށެވެ. އަދި އޭގެ ބަދަލުގައި މަޝްވަރާގެ ތެރެއިން ކަންކަން ނިންމަން ދަސްކުރަންޖެހޭ ކަމަށާއި ސިޔާސީ މަސްރަހު ދޮންވެ ފައްކާވަމުން އަންނަތަން ފެންނަމުންދަނީ އަދި ކިރިޔާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ޖޭޕީން ވާދަކުރާނެކަން ތަކުރާރު ކުރައްވަމުން އަލީ ވަނީ ޖޭޕީ އަބަދުވެސް އޮންނާނީ ރައްޔިތުންގެ ފަޅީގައި ކަމަށްވެސް ވިދާޅުވެފަ އެވެ.

ޖޭޕީގެ ކޮންގްރެސް އަންނަ ޑިސެމްބަރުގައި ބޭއްވުމަށް ތައްޔާރުވަމުންދާއިރު ރިޔާސީ އިންތިހާބާ ގުޅޭ މުހިއްމު ނިންމުންތަކެއް އެ ކޮންގްރެސްގައި ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ.

ޖޭޕީގެ އަސަސީ ގަވައިދުގައި އޮންނަ ގޮތުން ރިޔާސީ ކެންޑިޑޭޓަކީ އޭރަކު ޕާޓީގެ ލީޑަރެވެ. އެގޮތުން ފާއިތުވި ރިޔާސީ އިންތިހާބުތަކުގައި ޖޭޕީގެ ފަރާތުން ވާދަކުރައްވާފައިވަނީ ގާސިމެވެ.