Last Updated: April 24, 23:11
Thursday, April 25, 2024
ޚަބަރު

"މާލެ-ހުޅުމާލެ ބްރިޖްގެ ވާހަކަ ފުރަތަމަ ދެއްކީ އަޅުގަނޑު"

ގާސިމް އިބްރާހިމް - ފޮޓޯ: މަޖިލިސް

މާލެ އާއި ހުޅުމާލެއާ ދެމެދު ބްރިޖެއް އެޅުމުގެ ވާހަކަ ފުރަތަމަ ދެއްކެވީ އޭނާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މާލެ އާއި ހުޅުމާލެއާ ދެމެދު ބްރިޖް އަޅާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. މިއީ ޗައިނާގެ އެހީގައި އަޅާފައިވާ ބްރިޖެކެވެ.

"ރާއްޖެ ޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ މާލެއާ ހުޅުމާލެއާ ދެމެދު ބްރިޖެއް އެޅުމުގެ ވާހަކަ ފުރަތަމަ ދެއްކީ އޭނާ ކަމަށާއި އެއީ ކުރިން މީހުންގެ ވިޝަންގައި ހުރި ކަމެއް ނޫން ކަމަށެވެ. އަދި ފިނޭންސް މިނިސްޓަރު ކަމުގައި ހުންނެވިއިރު އިހަވަންދިއްޕޮޅުގެ ޕްރޮޖެކްޓް ވެސް ގެނައި ކަމަށާއި ނަމަވެސް އޭރުގެ ސަރުކާރުގައި މިނިސްޓަރުންނަށް ތިބި ބައެއް ފަރާތްތަކުން އެކަން ވިޔަނުދިނީ ކަމަށް ގާސިމް ވިދާޅުވި އެވެ.

"އެހެން ނޫން ނަމަ އެތާ ޓްރާންސްޝިޕްމަންޓް ބަނދަރު ލަންކާގައި ހެދުމުގެ ކުރިން އަޅުގަނޑުމެންނަށް އެކަން ކުރެވުނީސް. އެކަން ކުރާނެ މީހުން އަޅުގަނޑު ހޯދިން. އެކަން ކީއްކުރާނީ، ހިފަހައްޓައިގަނެގެން އެކަންވެސް ވިޔަނުދިނީ." ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ހެދުމަށް ދުނިޔޭގެ އެންމެ ބޮޑެތި ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކުރި ކަމަށެވެ. އެގޮތުން އެންމެ ބޮޑު ތިން ޝިޕިންލައިނުން އެކަމަށް ޝައުގުވެރިވި ކަމަށާއި އެގޮތުން ފުރަތަމަ ވެސް އިހަވަންދިއްޕޮޅަށް ދެ ބިލިއަން ޑޮލަރު އިންވެސްޓް ކުރަން އެ ފަރާތްތަކުން ބޭނުންވި ކަމަށް ގާސިމް ވިދާޅުވި އެވެ.

ނަމަވެސް އޭރުގެ ސަރުކާރުން އެކަން ކުރަން ފުރުސަތު ނުދިން ކަމަށާއި އޭގެ ސަބަބު އެނގިވަޑައިނުގަންނަވާ ކަމަށް ގާސިމް ވިދާޅުވި އެވެ. ގާސިމް ވަނީ ފިނޭންސް މިނިސްޓްރީން ޕްރޮޖެކްޓުތައް ހޯދި ނަމަވެސް ސަރުކާރުގެ ކަންކަން އޭރު ހުންނަ ގޮތުން އެފަދަ ޕްރޮޖެކްޓުތައް ކުރިއަށް ގެންދެވެނީ އިކޮނޮމިކް މިނިސްޓްރީ އަށް ހުށަހަޅައިގެން އެ މިނިސްޓްރީން ހުއްދަ ދިނުމުން ކަމަށްވެސް ވިދާޅުވެފަ އެވެ.

"އަޅުގަނޑު ގެނައިމޭ އުތުރާއި ދެކުނަށް ވެސް އެވަރުގެ ޕްރޮޖެކްޓުތައް. މި އެއްޗެހި އެޖެންޑާ ކުރެވިގެން މަސައްކަތް ކުރެވިފައި ހުންނާނެ އިކޮނޮމިކް މިނިސްޓްރީގަ. އަޅުގަނޑު އެ ޕްރޮޖެކްޓުތައް ގެންދަނިކޮށް ރައީސްގެ އަރިހުގައި ޝަކުވާކޮށްގެން އިކޮނޮމިކް މިނިސްޓްރީ އަށް ބަދަލުކުރީ. ބަދަލުކުރީމަ އެކަމެއް ނުހިނގި." ގާސިމް ވިދާޅުވި އެވެ.