މުސާރަ ނުދޭތީ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމުން އިސްތިއުފާއިވާ ސާބިއާގެ ޑޭވޯ ބާބާގެ މުސާރަ ދޭން ފީފާގެ ފުޓްބޯލް ޓްރައިބިއުނަލުން އެފްއޭއެމަށް އަންގައިފި އެވެ.
އެގޮތަށް ފީފާ އިން އެންގިކަން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް ވެސް ކަށަވަރުކޮށް ދެއްވާފައިވެ އެވެ.
ޑޭވޯ އަށް މުސާރަ ދޭން ފީފާ އިން އެންގީ އެ މައްސަލަ އޭނާ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ އަށް ހުށަހެޅުމާ ގުޅިގެންނެވެ. އެހެންވެ އެ މައްސަލަ ބެލުމަށް ފަހު ފީފާ އިން އެފްއޭއެމަށް އެންގީ ޑޭވޯ އަށް މުސާރައިގެ ގޮތުގައި މި އަހަރުގެ ޖެނުއަރީން ޖުލައިގެ ނިޔަކަށް ލިބެން ޖެހޭ 35،000 ޑޮލަރު ދިނުމަށެވެ.
ޑޭވޯ ރާއްޖޭގެ އަންހެން ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ގެނައީ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އޭނަ އަކީ އޭޝިއާގެ ގިނަ ގައުމުތަކެއްގައި މަސައްކަތްކޮށްފައިވާ އޭޝިއާގެ ފުޓުބޯޅައިގެ ތަޖުރިބާކާރެކެވެ. ޑޭވޯ އަކީ ކުރިން މޮންގޯލިއާގެ އެސިސްޓެންޓް ކޯޗްކަމާއި ބަންގްލަދޭޝް ގައުމީ ޓީމުގެ އެސިސްޓްންޓް ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައިވާ މީހެކެވެ.
އޭނަ އަކީ ގައުމީ އަންހެން ޓީމުގައި މަސައްކަތްކުރި ދެވަނަ ބިދޭސީ ކޯޗެވެ.
މުސާރަ ނުދޭ މައްސަލާގައި ކޯޗް މަގާމުން ކޯޗް އިސްތިއުފާދީ އެ މައްސަލަ ފީފާ އަށް ހުށަހެޅުމުން މުސާރަދޭން އެންގި އިރު، މިދަޔަ ހަފުތާގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗު ސިމާއޯ ކޮސްޓާ ވެސް އިސްތިއުފާ ދީފައިވެ އެވެ.