ޖުވެނައިލް ރެޒިޑެންޝަލް ޓްރީޓްމެންޓު ސެންޓަރެއް ތ. ވޭމަންޑޫގައި ހުޅުވައިފި އެވެ.
އެތަން ހުޅުވައި ދެއްވީ އެކަމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރެވެ. އޭނާ
ވިދާޅުވީ ރާއްޖޭގައި އެކި ގޮތްތުން ހަވާސާވަމުންދާ ކުޑަކުދިންގެ އެކި މައްސަލަތައް ހައްލު ކުރުމަށްޓަކައި އެކުލަވާލި ގާނޫނީ އޮނިގަނޑުގެ އެންމެ މުހިންމު ކަމަކީ ގާނޫނު ތަންފީޒު ކުރަން ޖެހޭ ހާލަތަކަށް ކުދިން އަޔަނުދިނުން ކަމަށެވެ.
ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން އުފައްދަންޖެހޭ ޖުވެނައިލް ރެޒިޑެންޝަލް ޓްރީޓްމެންޓް ސެންޓަރ ކޮޅުމަޑުލު ވޭމަންޑޫގައި ހުޅުވައިފި. މި ސެންޓަރު ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއަރޒް އަލީ ނަޛީރު. pic.twitter.com/wvUAkgxGwK
— Home Ministry, MV (@HomeMinistrymv) September 16, 2022
"ކުށް ހުއްޓުވުމުގެ މަސައްކަތް ފެށެން ޖެހޭނީ ކުށްކުރުމުގެ އަދި މާ ކުރިން. ކުށަށް މީހަކު އަރައި ގަންނަން ހުރި ސަބަބުތައް ބަންދު ކުރަން ޖެހެނީ އެ ސަބަބައްޓަކައި." ނަޒީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މުޖުތަމައުގެ ވިލުންވެރިކަން އިތުރުކޮށް ހަމަޖެހުމާއި އަމާންކަން ދެމެހެއްޓޭނެ ގޮތަކަށް މަސައްކަތް ކުރެވޭނީ ގިނަ ބަޔަކު އެކުވެގެން ކަމަށެވެ.
ޖުވެނައިލް ރެޒިޑެންޝަލް ޓްރީޓްމެންޓް ސެންޓަރަކީ ކުޑަކުދިން ކުށްތަކަށް އަރައިގަންނަ މިންވަރު މަދުކުރުމަށް ދިގު މުއްދަތަކަށް ނުވަތަ ކުރު މުއްދަތަކަށް އެކަހެރިކޮށްގެން އިސްލާހުކޮށް ފަރުވާދޭން ޖެހިއްޖެ ހާލަތެއްގައި އެތަނުގައި ބައިތިއްބައިގެން ފަރުވާ ދެވޭނެ ސެންޓަރެކެވެ.