Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

އިސްލާމީ މަރުކަޒަށް ބޮޑުކަމުދިޔަ މީހަކު ހައްޔަރުކޮށްފި

މާލޭގެ އިސްލާމީ މަރުކަޒުގެ ގޯތިތެރެއަށް ބޮޑުކަމުދިޔަ ބިދޭސީ އަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ރޭގެ ވަގުތެއްގައި ހައްޔަރުކުރީ އިންޑިއާގެ 40 އަހަރުގެ ފިރިހިނެއް ކަމަށެވެ. ނަމަވެސް މިކަމާ ބެހޭ އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ.

މާލޭގެ އެންމެ ބޮޑު އެއް މިސްކިތް ކަމަށްވާ އިސްލާމީ މަރުކަޒުގެ ގޯތިތެރެއަށް ބިދޭސީ އަކު ބޮޑުކަމުދިޔަ މައްސަލައާ ގުޅިގެން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވެސް ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ. އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެފަދަ އަމަލުތައް ހިންގާ މީހުންނާ މެދު ފަސްނުޖެހި ހަރުކަށި ފިޔަވަޅު އަޅަން ގޮވާލައްވާ ކަމަށެވެ.

އަދި މިފަދަ ކަންކަން ކުރާ މީހުން ހައްޔަރުކޮށްފައި ސިކުނޑީގެ މައްސަލަތައް ހުންނަ މީހުން ކަމަށް ބުނެ ދޫކޮށްލާތީ އެކަމާ ވެސް މޭޔަރު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

"ކޮންމެ ފަހަރަކު އެފަދަ މީހަކީ ސިކުނޑި ހަމަނުޖެހޭ މީހަކަށް ހަދާފައި ނިންމާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން." މުއިއްޒު ވިދާޅުވި އެވެ.

ރާއްޖޭގައި މިފަހަކަށް އައިސް މިސްކިތްތަކުގެ ހުރުމަތް ކެނޑުމާއި ޤުރުނާ އާއި ރަސޫލާ އަދި އިސްލާމް ދީނަށް ފުރައްސާރަކިރުމުގެ އަމަލުތައް ދަނީ އިތުރުވަމުންނެވެ.