Last Updated: April 26, 23:59
Friday, April 26, 2024
ކުޅިވަރު

ބަޔާނަށް މޮޅެއް ނުލިިބި ހަތަރު މެޗު

ޖަރުމަނު ލީގުގައި މިރޭ އައުގްސްބާގް އަތުން 1-0 އިން ބަޔާން މިއުނިކް ބަލިވެއްޖެ އެވެ.

މިއީ ލީގުގައި ބަޔާނަށް މޮޅެއް ނުލިބި ނިންމާލަން ޖެހުނު ހަތަރުވަނަ މެޗެވެ. ލީގުގައި އެންމެފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ބަޔާން ވަނީ އެއްވަރުވެފަ އެވެ. މިއީ 2001 ވަނަ އަހަރަށްފަހު މޮޅެއް ނުލިބި ލީގުގައި ޖެހިޖެހިގެން ހަތަރު މެޗު ބަޔާނުން ނިންމާލަން ޖެހުނު ފުރަތަމަ ފަހަރެވެ.

މިރޭގެ މެޗުން ބަލިވުމުން ބަޔާން މިހާރު އޮތީ ކުޅުނު ހަތް މެޗުން ލިބުނު 12 ޕޮއިންޓާ އެކު ލީގުގެ ހަތަރުވަނައިގަ އެވެ. ލީގުގެ އެއްވަނައިގައި ހަތް މެޗުން ލިބުނު 15 ޕޮއިންޓާ އެކު އޮތީ ބްރޫޝިއާ ޑޯޓްމަންޑެވެ.

އައުގްސްބާގްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލް މެޗުގެ 59 ވަނަ މިނެޓްގައި އައުގްސްބާގަށް ކާމިޔާބުކޮށްދިނީ މާގިމް ބެރިޝާ އެވެ.

މި ގޯލާއެކު ބަޔާނުން ވަރަށް ކުރިއަށް ޖެހިލައިގެން ނަތީޖާ އެއްވަރުކުރަން މަސައްކަތް ކުރި ނަމަވެސް އައުގްސްބާގްގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތް އެޓީމަށް ވަނީ ނުވެފަ އެވެ.

ޖަރުމަނު ލީގުގައި މިރޭ ލީގުގެ އެއްވަނައިގައި އޮތް ޑޯޓްމަންޑުން ވަނީ ޝާލްކޭގެ މައްޗަށް 1-0 އިން ކުރި ހޯދާފަ އެވެ.