Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

މަޝްރޫއުތަކާ ގުޅުވައި ތައުރީފު އިންޑިއާ އަށް

ދަރަނިވެރިވާ ގޮތަށް ރާއްޖޭގައި ހިންގާ ބޮޑެތި މަޝްރޫއުތަކަށް ވުރެ އިންޑިއާ އިން ރާއްޖޭގައި ހިންގާ ކުދި ޕްރޮޖެކްޓްތަކުގެ ފައިދާ މާ ބޮޑު ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާ އަށް ތައުރީފުކޮުރައްވައިފި އެވެ.

ނަޝީދުގެ އައްޑޫ ދަތުރުތެރޭގެ ފޮޓޯތަކަކާ އެކީ ޓްވިޓާގައި ވިދާޅުވީ އައްޑޫގައި ހިންގާ ޕްރޮޖެކްޓްތަކަކީ ސީދާ ރައްޔިތުންނާ ގުޅުން ހުރި ކަންކަން ކަމަށެވެ. އެގޮތުން އެ ގައުމުގެ އެހީގައި ހުޅުމީދޫގައި ޑްރަގަށް ފަރުވާދޭ ޑިޓޮކްސް ސެންޓަރަކާއި އައްޑޫގެ ލޯކަލް ޓޫރިޒަމް ކުރިއަރުވަން އިންޑިއާގެ އެހީގައި ޓޫރިޒަމް ޒޯންތަކަށް އެހީ ލިބުމާއި ގޭދޮށު މަސް ޕްލާންޓް ފަދަ މަޝްރޫއުތަކުން މުޖުތަމައަށް ކުރާނެ ފައިދާތައް މާ ބޮޑު ވާނެ ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި މިފަދަ މަޝްހޫރުތަކަކީ ބިލިއަން ޑޮލަރުން ދަރަނިވެރިވުމަށް ވުރެ ރާއްޖެ އަށް މާ ބޭނުންތެރި ކަންކަމެވެ. އެހެންވެ އިންޑިއާގެ އެހީގައި ޕްރޮޖެކްޓްތައް ހިންގައިދޭތީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުތަ މޯދި އާއި ފޮރިން މިނިސްޓަރު ޑރ. ޖެއި ޝަންކަރަށް ޝުކުރު އަދާކުރައްވައިވެ އެވެ.

އިންޑިއާ އިން ރާއްޖޭގައި ހިންގާ މަޝްރޫއުތަކަށް ބަލާ އިރު، އެ ގައުމުގެ މަޝްރޫއުތައް އެންމެ ގިނައީ އައްޑޫގަ އެވެ. އެގޮތުން އައްޑޫގެ އެންމެ ބޮޑު އެއް ޕްރޮޖެކްޓަކީ މަގުތައް ޒަމާނީ ފެންވަރަށް ހެދުމެވެ. އަދި އައްޑޫގައި މިހާތަނަށް ހިންގަން ހަމަޖެހިފައިވާ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫއަކީ ވެސް އިންޑިއާގެ އެހީގައި ހިންގަން ހަމަޖެހިފައިވާ މަޝްރޫއެކެވެ.

އިންޑިއާގެ މަޝްރޫތަކަކީ އެ ގައުމުގެ އެކްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މަޝްރޫއުތަކެވެ.