އައްޑޫ ފޭދޫގައި ކުޑަކުދިންގެ ޕާކެއްގެ ގޮތުގައި ބޭނުން ކުރަމުން އައި ބިމެއްގައި ކެފޭ/ރެސްޓޯރަންޓް ހިންގަން ކުއްޔަށް ދޭން އައްޑޫ ސިޓީ ކައިންސިލުން ނިންމައިފި އެވެ.
ފޭދޫގޭ ބޮޑު މަގާ ދިމާލުން އޮތް ފުޓްސަލް ދަނޑު ސަރަހައްދުގައި ހުރި ހަޓާއި އެތަނުގެ ބިމުގައި ކެފޭ/ރެސްޓޯރަންޓް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ބިމަށް ބިޑްކުރުމުގެ ފުރުސަތު ވަނީ އަންނަ މަހުގެ 2 އާ ހަމައަށް ހުޅުވާލައިފަ އެވެ. ކުރިން ވެސް ކެފޭ ހިންގާ ގޮތަށް އަމިއްލަ ބަޔަކު މަސައްކަތްތަކެއް ކުރި، އެ ބިމުގެ ބޮޑުމިނަކީ 2،516.3 އަކަފޫޓެވެ.
މި ސަރަހައްދަކީ ފޭދޫގެ ބައެއް ފްލެޓްތަކާއި އައުޓްޑޯ ޖިމާއި މި އަހަރުގެ ކުރީކޮޅު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޮމިއުނިޓީ ފަންޑްގެ އެހީގައި ހެދި "މާމާ/ކާފަ ޕާކް" ވެސް ހުރި ސަރަހައްދެވެ.
މި ބިމުގެ ބިޑް ޑޮކިއުމަންޓް މާދަމާ އިން ފެށިގެން މި މަހުގެ 29 އާ ހަމައަށް ކައުންސިލުން ވިއްކާނެ އެވެ. ބިޑް ޑޮކިއުމަންޓްގެ އަގަކީ 300ރ. އެވެ.
މިކަމާ ބެހޭ އިތުރު މައުލޫމާތު 6885003 އިން ހޯދޭނެ އެވެ.