އެމްޓީސީސީގެ އައު ޑްރެޖަރ ބޮޑު ޖައްރާފު ރަސްމީކޮށް އިފްތިތާޙު ކުރުމާއި ގއ. ދާންދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.
ގއ. ދާންދޫގައި ބޭއްވުނު މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމާއި، ދާންދޫ ދާއިރާގެ މަޖިލިސް މެމްބަރު ޔަޢުޤޫބް ޢަބްދުالله އާއި ދާންދޫ
ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު އާސިފުއާއި، އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމްގެ އިތުރުން އެމްޓީސީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.
އެމްޓީސީސީން ބުނީ ދާންދޫގެ ބިން ހިއްކުމުގެ މަޝްރޫޢު ނިމޭއިރު، މިހާރު ދާންދޫގައި އޮތްވަރުގެ ޖާގައިގެ ބިމެއް އެރަށަށް އިތުރު ކުރެވިގެންދާނެ ކަމަށެވެ. އަދި މިހާރުގެ ދާންދުއާ، އަލަށް މި ހިއްކާ ބިން، ބްރިޖަކުން ގުޅާލެވިގެން ދާއިރު، މި އައު ބިން، ވެގެންދާނީ، ޒަމާނީ ދާންދޫގެ އާ ޙަޔާތެއްގެ ފެށުމަށް ކަމަށް އެމްޓީޓީސީން ބުނެ އެވެ.
ބޮޑު ޖައްރާފު ބޭނުންކޮށްގެން ހިންގޭ ދާންދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން، 975،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި ބިން ހިއްކުމާއި، 807 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 555 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމުގެ މަސައްކަތް ހިމެނެ އެވެ. މިއީ 186.64 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މީގެއިތުރުން އެމްޓީސީސީން ވަނީ ބޮޑު ޖައްރާފު އެމްޓީސީސީގެ ފްލީޓްގައި ހިމެނުމާއެކު، މި ސަރަޙައްދުގައި ޑްރެޖިންގ ދާއިރާގެ އެންމެ ކުރީ ސަފުގައި ހިމެނޭ އެއް ކުންފުންޏަށް ވެފައިވާ ކަމަށްވެސް ބުނެފަ އެވެ.