Last Updated: June 11, 06:42
Thursday, June 11, 2026
ޚަބަރު

އެއާޕޯޓްގެ ސެކިއުރިޓީ ވަރުގަދަ ކުރަން ގޮވާލި މައްސަލަ ބޭރު ކޮށްލައިފި

މެމްބަރު މުހައްމަދު ސައީދު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެއާޕޯޓްގެ ސެކިއުރިޓީ ވަރުގަދަ ކުރަން ގޮވާލާ ހުށަހެޅި ކުއްލި މައްސަލަ ބޭރު ކޮށްލައިފިއެވެ.

މި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުއެވެ. އެ ކުއްލި މައްސަލަ ބައިގަތުމަށް ފެންނަ ކަމަށް 6 މެމްބަރުން ވޯޓު ދެއްވިއިރު، 34 މެމްބަރުން ވޯޓު ދީފައިވަނީ އެ ކުއްލި މައްސަލަ ބަލައނުގަތުމަށެވެ.

ސައީދުގެ ކުއްލި މައްސަލައިގައި ބުނެފައިވަނީ ދާދިފަހުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ސަލާމަތަށް ނުރައްކާވާފަދަ ހާދިސާއެއް ހިނގާފައިވާއިރު، ބައިނަލްއަގްވާމީ މީޑިއާތަކުން އަނެއްކާވެސް މިހާދިސާއާއި ގުޅޭގޮތުން ކަންބޮޑުވާފަދަ ބިރުވެރި ވާހަކަތަކެއް ޝާއިއުކޮށްފައިވާކަމަށެވެ. އެ މައުލޫމާތުތަކަށް ބަލާއިރު މިހާދިސާ ހިނގުމުގެ ކުރިން ރާއްޖޭގައި މިކަމުގައި ބައިވެރިން ބައްދަލުވުމެއް ބާއްވާފައިވާ ކަމާއި މިހާދިސާ ހިނގުމަށްފަހު އިންޑިއާ ސަރުކާރުގެ އޮފިޝަލަކު ރާއްޖެއައިސް ހައްޔަރުކޮށްފައިވާ ދެމީހުން ދޫކޮށްލުމަށް އެދިފައިވާ ކަމަށާއި އަދި މިބައްދަލުވުމަށްފަހު ފުލުހުން މިހާދިސާގެ އަސްލު ރިޕޯޓުގެ ބަދަލުގައި އެހެން ރިޕޯޓެއް ނެރުނު ކަމަށް ސައީދުގެ ކުއްލި މައްސަލައިގައި ތުހުމަތު ކޮށްފައިވެއެވެ.

".. މިހާދިސާއާއި ގުޅިގެން ފުލުހުންގެ ފަރާތުން އެކަށީގެންވާ ގޮތެއްގައި މީޑިއާތަކަށްވެސް މައުލޫމާތު ދެމުން ނުދާތީއާއި، އަދި މިކަމާގުޅުންހުރި ކަންކަން ރައްޔިތުންނަށް ސިއްރު ކުރަމުން ދާތީއާއި، ހައްޔަރު ކުރި ދެމީހުން ވީތަނެއްވެސް ދިވެހި ފުލުހުންނަށް މިވަގުތު ނޭނގޭތީއާއި، ހަމައެއާއެކު އެއާޕޯޓުގައި ހިނގި ނުރައްކާތެރި ހާދިސާއާއި ގުޅިގެން އަދިވެސް އެތަނުގެ ސަލާމަތީކަން ހަރުދަނާ ކުރުމަށް އިތުރު ބަދަލުތަކެއް އައިސްފައި ނުވާތީއާއި، މިފަދަ ކިތަންމެ ކުޑަ ކަމަކީވެސް ފަތުރުވެރިކަމަށް ބަރޯސާވެފައިވާ މި ކުޑަކުޑަ ދިވެހިރާއްޖޭގެ އިޤްތިސާދު ފުނޑި ގައުމަށް އިއާދަ ނުކުރެވޭނެފަދަ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ ކަމަކަށްވާތީ، .." ސައީދުގެ ކުއްލި މައްސަލައިގައި ފާހަގަ ކޮށްފައިވެއެވެ.

ސައީދުގެ ކުއްލި މައްސަލައިގައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހިނގާދިޔަ ހާދިސާގެ ދެފުށްފެންނަ ތަހްޤީޤެއް ހިންގުމަށާއި، މިކަމާބެހޭ މައުލޫމާތު ރައްޔިތުންގެ މަޖިލީހަށް ހިއްސާ ކުރުމަށާއި އަދި މިހާރުން މިހާރަށް އެއާޕޯޓުގެ ސަލާމަތީ ކަންތައްތައް އިތުރަށް ވަރުގަދަކޮށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ލަސްނުކޮށް އެޅުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.