ރާއްޖެއަށް ދިރުވާލައިގެން ރަން އެތެރެކުރި އިންޑިއާގެ ރައްޔިތެއްގެ މައްޗަށް ހުކުމް ކޮށްފިއެވެ.
މިމައްސަލައިގައި ދައުވާ ކޮށްފައިވަނީ އަކްޝޭކުމާރް ސުރޭޝްބާއީ ބަޓް ކިޔާ މީހެއްގެ މައްޗަށެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ ދިވެހިރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުމުގެ ދައުވާއެވެ.
އޭނާއަށް ކޮށްފައިވާ ދައުވާގެ ހުލާސާގައި ބުނެފައިވަނީ، 2022 ޖުލައި 19 ވަނަ ދުވަހު މީނާ ރާއްޖެއައިރު، މީނާގެ ހަރަކާތްތައް ހުރިގޮތުން ޝައްކުކުރެވިގެން ކަސްޓަމްސްގެ ޕެސެންޖަރ ކްލިއަރެންސް ސެކްޝަނުގައި ހުންނަ ބޮޑީ ސްކޭން މެޝިނުން މީނާގެ ހަށިގަނޑު ސްކޭން ކުރިއިރު، ހަށިގަނޑުގައި އެއްޗެހިތަކެއް ފޮރުވާފައި ހުރިކަމަށް ފާހަގަކުރެވުނު ކަމަށެވެ. އެތަކެއްޗާ ގުޅިގެން ސުވާލު ކުރުމުން އެ ތަކެއްޗަކީ ރަން ކަމަށް އޭނާ ބުނެފައިވާކަމަށާއި، އޭނާގެ ހަށިގަނޑުން 2 ބުލެޓް ތަހުލީލު ކުރިއިރު، އެތަކެތީގައި ރަން ހުރި ކަމަށެވެ.
މިމައްސަލައިގައި ކޮށްފައިވާ ދައުވާއަށް އޭނާ ވަނީ ކޯޓުގައި އިއުތިރާފުވެފައެވެ.
އެހެންކަމުން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ އޭނާ 60،000 ރުފިޔާއިން ޖުރިމަނާކުރުމަށެވެ. އަދި އެ ފައިސާ 5 ދުވަހުގެ ތެރޭގައި ދެއްކުމަށް ހުކުމް ކޮށްފައިވެއެވެ.