Last Updated: June 26, 03:21
Thursday, June 25, 2026
ޚަބަރު

ހައްލަކީ އެމްޑީޕީ އަށް ނޫނެކޭ ބުނުން: މަލީހު

ރާއްޖެ އަށް އޮތް ހައްލަކީ އެމްޑީޕީ އަށް ނޫނެކޭ ބުނުން ކަމަށް މި ސަރުކާރުގެ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

ޓެކްސް ބޮޑުކުރަން ސަރުކާރުން މިހާރު ހުށަހަޅާފައި އޮތް ހުށަހެޅުމަށް ތާއީދުނު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ އެކަމާ ގުޅުވައި މަލީހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދު ސަރުކާރާ އެކަހެރިވާން އުޅުއްވަނީ ޒިންމާ ނުނަންގަވާ ގޫޑް ކޮޕް ބޭޑް ކޮޕް ކުޅުއްވަން ކަމަށެވެ.

"ސަރުކާރު އެމްޑީޕީ. މަޖިލިސް ރައީސް އެމްޑީޕީ. އެމްޑީޕީގެ ރައީސް މިހެން ވިދާޅުވީމަ ދެން ކޮންތާކުތޯ މި ޖެހެނީ؟" އޭނާ ވިދާޅުވި އެވެ. "އަދި މި ބަހަނާ ދައްކާފައި ބޮޑު ވެސް ކުރާނެ. ހައްލަކީ އެމްޑީޕީ އަށް ނޫނެކޭ ބުނުން."

އަންނަ އަހަރު ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ނިންމައި އެކަމާ ގުޅޭ އިސްލާހު މި މަހު ވަނީ މަޖިލީހަށް ވެސް ހުށަފަޅައިފަ އެވެ. ޓެކްހަށް ގެންނަ ބަދަލުތަކާ އެކީ ޓީޖީއެސްޓީ 12 ޕަސެންޓުން 16 އަށް އަދި އަދި ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް ބޮޑުކުރާނެ އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ޓެކްސް ބޮޑުކުރަން ތާއީދުކުރެއްވި ނަމަވެސް މިހާރު ސަރުކާރުން ހުށަހަޅާފައި އޮތް މިންވަރަށް ޓެކްސްތައް ބޮޑުކުރަން ތާއީދެއް ނޫނެވެ.