އެމެރިކާގައި ރާއްޖޭގެ އެމްބްސީއެއް އަލުން ހުޅުވަން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އޭނާ އިއްޔެ ވިދާޅުވީ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު އެ އެމްބަސީ ހުޅުވުން ކަމަށެވެ. އެމެރިކާގެ ނިއު ޔޯކްގައި އޮތް އިވެންޓެއްގައި ޝާހިދު ވިދާޅުވި ގޮތުގައި ރާއްޖެ އާއި އެމެރިކާއާ ދެމެދު އޮތް ގުޅުން ދުވަހަކު ވެސް ބަދަހިވެފައި ނުވާ ވަރަށް މިހާރު ބަދަހިވެފައިވާތީއާ އެކީ ދިވެހި އެމްބަސީއެއް އެމެރިކާ އަށް މުހިއްމެވެ.
މިނިސްޓަރު ވިދާޅުވީ ވޮޝިންޓަންގައި އެމްބަސީއެއް ހުޅުވުމަށްޓަކައި އެކަމަށް ބޭނުންވާ ތަނެއް ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށާއި މި އަހަރު ނިމެންވާ އިރަށް އެމެރިކާގައި ރާއްޖޭގެ އެމްބަސީ ހުޅުވުމަކީ އަމާޒެއް ކަމަށެވެ.
"…މި އަހަރު ނިމުމުގެ ކުރިން ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު އަޅުގަނޑުމެންނަށް ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ގާއިމްކުރެވި، އެ އެމްބަސީ ހިންގަން ފެށޭނެ،" ޝާހިދު ވިދާޅުވި އެވެ. "އަދި އެއީ ވަރަށް ތާރީހީ ކަމަކަށް ވާނެ."
ރާއްޖޭގެ އެމްބަސީއެއް މީގެ ކުރިން އެމެރިކާގައި ކުޑަ ދުވަސްކޮޅަކަށް ހިންގި އެވެ. އެކަމަކު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި 2007 ގައި ހުޅުވި އެމްބަސީ އަށް ދިމާވި ބަޖެޓްގެ ދަތިކަމާ ހެދި 2008 ގައި ސަރުކާރު ބަދަލުވުމުން އެ އެމްބަސީ ބަންދުކުރި އެވެ.
އެމެރިކާގައި އަލުން ރާއްޖޭގެ އެމްބަސީއެއް ހުޅުވަން މަސައްކަތްކުރަމުން އަންނަ އިރު، އެމެރިކާ އިން އަލަށް ރާއްޖެ އަށް ސަފީރެއް ކަނޑައެޅުމަށް ވެސް ނިންމާފައިވެ އެވެ. އަދި އެމެރިކާގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވާނެ ކަމަށް 2020 ގައި އޭރުގެ ސަރުކާރުން އިއުލާން ވެސް ކުރި އެވެ.
ރާއްޖެއަށް އެމެރިކާ އިން ކަނޑައަޅާ ފުރަތަމަ ސަފީރުގެ މަގާމަށް އައްޔަންކުރުމަށް އެ ގައުމުގެ ރައީސް ޖޯ ބައިޑަން ޖުލައި މަހު ބޭފުޅެއްގެ ނަން ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅުއްވި އެވެ. އެއީ ހޫގޯ ޔޫ-ހޯ ޔޮން އެވެ. އުމުރުން 54 އަހަރުގެ ހޫގޯ މިހާރު ހުންނެވީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އޮފީސް އޮފް ދަ އަންޑަސެކްރެޓަރީ އޮފް އިކޮނޮމިކް ގްރޯތު، އެނަޖީ އެންޑް އެނަވަޔަރަމަންޓުގެ ސީނިއާ އެޑްވައިޒަރުގެ މަގާމުގަ އެވެ. ކެލިފޯނިއާ ޔުނިވަސިޓީން ޕޮލިޓިކަލް އިކޮނޮމީން ބީއޭ ހާސިލުކޮށްފައިވާ ހޫގޯ އަކީ އެމެރިކާގެ އިސް ޑިޕްލޮމޭޓެކެވެ. އެގޮތުން އެ ދާއިރާ އިން ގިނަ ހިދުމަތްތަކެއް މިހާތަނަށް ކުރައްވާފައިވެ އެވެ.
ރާއްޖޭން އެމެރިކާގެ ސަފީރަކަށް މިދިޔަ ހަފުތާގައި ވަނީ އަބްދުލްޣަފޫރު މުޙައްމަދު އައްޔަންކޮށްފަ އެވެ.
އެމެރިކާ އިން ރާއްޖެއާ އެކީ ހިންގާ ހާރިޖީ މުއާމަލާތްތައް މިހާރު ކުރަމުން އަންނަނީ ސްރީ ލަންކާގައި ހުންނަ އެމެރިކާ އެމްބަސީ މެދުވެރިކޮށެވެ.