Last Updated: June 11, 06:42
Thursday, June 11, 2026
ޚަބަރު

ޗައިނާއިން މާލޭ ކައުންސިލަށް މަގުބައްތި ހަދިޔާކޮށްފި

ފޮޓޯ: މާލެސިޓީ ކައުންސިލް

ޗައިނާއިން މާލެ ސިޓީ ކައުންސިލަށް 3،000 ޕްލެޓް އަދި ޒަމާނީ ލެޑް ލައިޓް ހަދިޔާކޮށްފިއެވެ.

މިތަކެތި ސިޓީ ކައުންސިލާއި ހަވާލު ކޮށްފައިވަނީ މިއަދު ހެނދުނު މާލެ ސިޓީ ކައުންސިލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޭޔަރު މުއިއްޒު ވިދާޅުވީ މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ފަސޭހައަށްޓަކައި ޗައިނާ އެމްބަސީ މެދުވެރިކޮށް މި ލިބުނު އަގުހުރި ހަދިޔާގެ ސަބަބުން، ވަރަށް ޒަމާންވަންދެން ބަދަލުނުކުރެވިހުރި މާލޭ އަދި ވިލިނގިލީގެ ހުރިހާ މަގު ބައްތިތައް، ޒަމާނަށްފެތޭ، އަލި ހެޔޮވަރު އަދި ކަރަންޓު ޚަރަދު ކުޑަ އެލް.އީ.ޑީ. ލައިޓިންގް އަށް އެކީ ބަދަލުކުރެވިގެންދާނެކަމަށެވެ.

މުއިއްޒު ވަނީ މާލޭގެ އުމްރާނީ ތަރައްޤީއަށް އަދި ރައްޔިތުންގެ ދިރިއުޅުމުގެ ކުރިއެރުމަށް އަބަދުވެސް ޗައިނާއިން ވެދެމުންދާ ދީލަތި އެހީތެރިކަމަށް ޗައިނާ ސަރުކާރަށް ޝުކުރެއް ދަންނަވާފައެވެ.

ޗައިނާގެ ފަރާތުން ސިޓީ ކައުންސިލަށް މިތަކެތި ހަވާލުކޮށްދެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގ ލީޖިންގއެވެ. އަދި މާލެ ސިޓީ ކައުންސިލްގެ ފަރާތުން މަގު ބައްތިތަކާއި ހަވާލުވެވަޑައިގެންނެވީ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއެވެ.