Last Updated: June 26, 03:21
Thursday, June 25, 2026
ޚަބަރު

އައިއޭޕީއާރްގެ އޮނަރަރީ މެންބަރުކަން ޝާހިދަށް

ހާރިޖީ ދާއިރާ އަށް ކޮށްދެވަމުން ގެންދަވާ ހިދުމަތްތަކުގެ އަގުވަޒަންކޮށް އދ. ގެ އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ޕާމަނަންޓް ރެޕްރަޒެންޓޭޓިވްސް (އައިއޭޕީއާރް) އިން، އެ އެސޯސިއޭޝަންގެ އޮނަރަރީ މެންބަރުކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް އަރުވައިފި އެވެ.

މިނިސްޓަރަށް އެ ޝަރަފް އަރުވާފައި ވަނީ އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރައްވާފައިވާ މަސައްކަތްތަކަށާއި، ރާއްޖޭގެ ހާރިޖީ ދާއިރާއަށް ކޮށްދެއްވަމުން އަންނަ ހިދުމަތްތަކާއި، ރާއްޖެ އާއި ބޭރު ގައުމުތަކާ އެކު ގުޅުން ބަދަހިކުރައްވައި، އދ. އަށް ކޮށްދެއްވި ހިދުމަތްތައް ފާހަގަކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އައިއޭޕީއާރްގެ އޮނަރަރީ މެންބަރުކަމާއި ޝަރަފުގެ އައްޑަނަ ޝާހިދާ ހަވާލުކޮށް ދެއްވީ އައިއޭޕީއާރްގެ ރައީސް އަދި ނެމީބިޔާ އިން އދ. އަށް ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު، ނެވިލް މެލްވިން ގާރޓުޒެވެ،. އޭބާ ވިދާޅުވީ ޝާހިދު، އދ. އަށާއި އަމިއްލަ ގައުމަށް ކޮށްދެއްވަމުން އަންނަ މަސައްކަތްތަކަކީ ތައުރީފު ޙައްޤު މަސައްކަތްޕުޅުތަކެއް ކަމަށެވެ.

މި ޝަރަފުގެ އައްޑަނަ ދާއިމަށް ރަމްޒުކޮށް ދޭނީ ޝާހިދު އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކޮށްދެއްވި އަގުހުރި އަދި މަތިވެރި ޚިދްމަތްތައްކަމަށްވެސް އައިއޭޕީއާރްގެ ރައީސް ވިދާޅުވި އެވެ.

އައިއޭޕީއާރަކީަ 1988 ގައި އަހަރު ވުޖޫދަށް އައި އެސޯސިއޭޝަނެކެވެ. މީގެ މައިގަނޑު މަގުސަދަކީ އދގެ ދާއިމީ މަންދޫބުކަން ކުރައްވަމުން ގެންދަވާ އަދި ކުރައްވާފައިވާ ބޭފުޅުންނާއި ފޯރަމްތައް މެދުވެރިކޮށް ގުޅުން ބަދަހިކޮށް، އދ އާއި އެ ބޭފުޅުންގެ މެދުގައި މުއާސަލާތީ ގުޅުން ރަނގަޅުކޮށް، އެކިއެކި ގައުމުތަކާ ދެމެދު އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން ބަދަހިކުރުމެވެ.