Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

އައްޑޫގައި ކުށްތައް ގިނަވުމުގެ ކަންބޮޑުވުން ބޮޑު: ނަޝީދު

އައްޑޫގައި ކުށްކުރުން ގިނަަވެ އެކަމުގެ ކަންބޮޑުވުން މިހާރު ވަރަށް ބޮޑަށް އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މިދިޔަ ހަފުތާގައި އައްޑު އަށް ކުރެއްވި ދަތުރުގެ ތެރެއިން އައްޑޫގެ ވެށި ނާމާންވެފައިވާކަމުގެ ކަންބޮޑުވުން ގިނަ ވަރަށް ގިނަ މީހުންގެ ފަރާތުން ލިބިފައިވާ ކަމަށެވެ. އަދި ކުށްކުރާ މީހުން ގިނަވެ، އެކަމާ ދެކޮޅަށް ފުލުހުންނަށް ވެސް އެކަށީގެންވާ މަސައްކަތެއް ނުކުރެވޭކަމުގެ ކަންބޮޑުވުންތައް އޮތް ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ފުލުހުންނާ ގުޅޭ މައްސަލައަކަށް މަޖިލީހުގެ މިއަދު ބަހުސްކުރަމުން އަންނަ އިރު، އައްޑޫގެ ހާލަތަށް ވެސް މެމްބަރުން ރިއާޔަތްކުރެއްވުމަކީ ވަރަށް މުހިއްމު ކަމަކަށް ވާނެ އެވެ.

އައްޑޫގައި މި ފަހަކަށް އައިސް ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަކާއި މާރާމާރީގެ މައްސަލަތައް ވެސް ބޮޑެވެ. އެގޮތުން މިދިޔަ ޖޫން މަހުގެ ކުރީކޮޅު ފޭދޫގައި ހިންގި މާރާމާރީއެއްގައި ޒުވާނަކު ވަނީ މަރާލައިފަ އެވެ. އަދި އެ ހާދިސާގެ ކުރިން ފޭދޫގައި ހިންގި އެހެން މާރާމާރީއެއްގައި ފޭދޫގެ ޒުވާނެއްގެ ބޮލުގައި ދަގަނޑަކުން ޖަހައި ޒަހަމްކޮށްފައިވެ އެވެ.

މީގެ އިތުރުން މި ފަހުން ވަކިން ހާއްސަކޮށް ހިތަދޫގައި ވައްކަމުގެ މައްސަލަތައް ވަރަށް ގިނަ އެވެ. އަދި ހަމައެއާ އެކީ އައްޑޫގައި މަސްތުވާތަކެތީގެ މައްސަލަތައް ވެސް އެހާ ބޮޑެވެ. އައްޑޫގައި މިހާރު ވެސް 100 އަށް ވުރެ ގިނަ ކުށްވެރިން ދޫވެފައިވާތީ އެކަމުގެ ބިރުވެރިކަން އާންމުންގެ ތެރޭގައި ބޮޑެވެ.

މީގެ ހަފުތާއެއްހާ ދުވަސް ކުރިން ބޭއްވި "ވިއަވެތި ރާއްޖެ" ކޮންފަރެންސްގައި ފުލުހުން ބުނެފައިވާ ގޮތުގައި ރާއްޖޭގެ ދެކުނުން މަސްތުވާތަކެތި ބޭނުންކުރާ މީހުން އެންމެ ގިނައީ އައްޑޫގަ އެވެ. ލ. ގަމުގައި ބޭއްވި ކޮންފަރެންސްގައި ފުލުހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އައްޑޫގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އަދަދު 933 އަށް އަރަ އެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި ޓްރެފިކްކުރުމުގައި 403 މީހަކު އުޅޭ އިރު، އެންމެ ގިނައިން މަސްތުވާތަކެތި ބޭނުން ކުރަނީ 18-30 އަހަރާ ދެމެދުގެ މީހުންނެވެ.

ފުލުހުން ބުނި ގޮތުގައި އައްޑޫގައި 13 ގޭންގެއް ވެސް ހަރަކާތްތެރިވެ އެވެ.