ބޯހިމެނުމުގެ މަސައްކަތުން ލިބޭ މަޢުލޫމާތުތަކަކީ ރާއްޖެ ތަރައްޤގީކުރާ އިރު ބޭނުން ހިފޭނެ މުހިންމު މަޢުލޫމާތުތަކެއްވާތީ އެ މަޢުލޫމާތުތަކުގެ އަލީގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެންމެ ބޭނުންވާ ތަރައްގީގެ މަޝްރޫޢުތައް ހިންގުމަށް ފަސޭހަތަކެއް ލިބޭނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
މިއަދު ހުޅުމާލޭގައި ހުންނަ "ބޯހިމެނުން 2022" ގެ މަސައްކަތް ކުރިއަށްދާ މަރުކަޒަށް ޒިޔާރަތްކުރައްވައި އެތަނުގައި މަސައްކަތްކުރައްވާ ފަރާތްތަކާއި ބައްދަލުކުރައްވައި ވާހަކަފުޅު ފައިސަލް ވިދާޅުވީ ބޯހިމެނުމުގެ މަސައްކަތުން ލިބޭ މައުލޫމާތުން ރާއްޖޭގެ ދުރު މުސްތަޤުބަލަށް ގިނަ ކަންކަން ރޭވުމަށް ފަސޭހަތަކެއް ލިބޭނެ ކަމަށެވެ. އަދި އޭގެ އެހީގައި ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދަން ވެސް މުހިންމު މަޢުލޫމާތުތަކެއް ލިބޭނެ ކަމަށް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ ބޯހިމެނުމުގެ މަސައްކަތަކީ ގައުމީ މަސައްކަތެއް ކަމަށާއި އެ މަސައްކަތް ކުރިއަށްގެން ދިއުމުގައި ކޮންމެ ރައްޔިތެއްގެ ވެސް އެބާރުލުން ބޭނުންވާ ކަމަށެވެ.