އައްޑޫ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ޔުޓިލިޓީ ޑަކްޓިންއާ ގުޅުން ހުރި މައްސަލަތަކާ ބެހޭ ގޮތުން މިއަދު މަޝްވަރާކޮށްފި އެވެ.
ކައުންސިލް އިދާރާގައި އޮތް މި ބައްދަލުމުގައި ފެނަކަ އާއި ދިރާގާއި މީޑިއާނެޓް ފަދަ ކުންފުނިތަކުން ބައިވެރިވެފައިވެ އެވެ. މި ކުންފުނިތަކަކީ އެތަންތަނުން ދޭ ހިދުމަތްތަކަށް މަގުތަކުގައި ކޭބަލްތަކާއި ހޮޅިތައް އާންމުކޮށް އަޅާ ކުންފުނިތަކެވެ.
އެގޮތުން މަގު ހެދުމުގެ ތެރެއިން މި ކުންފުނިތަކަށް ދިމާވާ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކުރަން ބޭއްވި ބައްދަލުވުމުގައި މަގު ހަދާ ކުންފުނި، އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ އާއި އެ ކުންްފުނީގެ ކޮންސަލްޓަންޓް އެލްއެންޓީ އިންފްރާސްޓްރަކްޗާ އިތުރުން އައްޑޫގައި ހުންނަވާ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުށް ސޯދިގު ސޯބެ) ވެސް ބައިވެރިވަޑައިގެންނެވި އެވެ.
މި ބައްދަލުވުމުގައި އައްޑޫ މޭޔަރު އަލީ އަލީ ނިޒާރާއި ބައެއް ކައުންސިލަރުން ވެސް ބައިވެރިވަޑައިގެންނެވި އެވެ.
އައްޑޫގެ މަގު ހެދުމުގެ މަޝްރޫއު ކުރިއަށްދާ އިރު، މި މަސައްކަތުގެ ތެރެއިން ދިމާވާ އެކިއެކި މައްސަލަތަކާއި އަދި އެކަންކަން ހައްލުކުރުމަށް މަސައްކަތްތައް ކުރުމާ ބެހޭ ގޮތުން މީގެ ކުރިން ވެސް ކައުންސިލުން ސްޓޭކްހޯލްޑަރުންނާ އެކީ ގިނަ ބައްދަލުވުންތަކެއް ބާއްވާފައިވެ އެވެ.
ދާދި ފަހުން މޭޔަރު ވަނީ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ގޮތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، މި މަސައްކަތުގެ ބައެއް ތަރުތީބުތައް ހުރި ގޮތުން ރައްޔިތުންނަށް ބޮޑު މުސީބާތަކަށް ވެސް ވެދާނެ ކަމަށް ވިދާޅުވި އެވެ. އެހެންވެ ދަތިނުވާނެ ގޮތަށް މަސައްކަތް އިންތިޒާމުކުރަން މިދިޔަ މަހު ފަހުކޮޅު ވެސް ކައުންސިލުން އެދިފައިވެ އެވެ.
މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިިން މި ވަގުތު އެންމެ ބޮޑަށް މަސައްކަތް ކުރިއަށް ދަނީ ހިތަދޫގަ އެވެ. މި ފަހުން ފޭދޫގެ ބައެއް މަގުތަކުގައި ވަނީ ގާ އަތުރައި ނިންމައިފަ އެވެ.
އައްޑޫ މަގުތައް ހެދުމަކީ އިންޑިއާ އެގްޒިމް ބޭންކްގެ 800 މިލިއަން ރުފިޔާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ 106 ކިލޯމީޓަރުގެ މަގު ހަދަން ހަމަޖެހިފައިވެ. އަދި މަސައްކަތް ނިންމާ ގޮތަށް އޮތީ ދެ އަހަރުގެ ތެރޭގަ އެވެ. މަގު ހެދުމުގެ މަސައްކަތް އެފްކޮންސް އިން ފެށި މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.