Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

އަލަމްގީރާ ގުޅުން ހިންގި ދޮންދިގު ޖަލަށް

ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރާ އެކީ އެއްޖިންސުން ގުޅުން ހިންގި ކަމަށް އެއްބަސްވި ފުލުސް މީހާ އަބްދުއްރަހްމާން ރަފީއު (ދޮންދިގު) އެއް އަހަރާއި ދެ މަހަށް ޖަލަށް ލާން މިއަދު ހުކުމްކޮށްފި އެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި ކުރިން މަސައްކަތްކުރި ދޮންދިގު އަލަމްގީރާ އެކީ ގުޅުން ހިންގި ކަމަށް ކްރިމިނަލް ކޯޓްގައި އިއުތިރާފުވެފައި ވަނީ މިދިޔަ އާދީއްތަ ދުވަހު އެވެ. އެހެންވެ އޭނަގެ މައްޗަށް އުފުލި އެއްޖިންސުން ގުޅުން ހިންގުމުގެ ދައުވާގެ ހުކުމް އަވަސް ނިޔާއެއްގެ ގޮތުގައި މިއަދު އިއްވަން އެ ދުވަހު ކޯޓުން ނިންމި އެވެ.

އެއްޖިންސުންް ގުޅުން ހިންގި މައްސަލާގައި ދޮންދިގަށް ޖަލު ހުކުމެއް އައި އިރު، އަލަމްގީރާ ގުޅުން ހިންގި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ތިން މަހާއި 26 ދުވަހަށް ގޭބަންދުކުރަން ހުކުމްކުރީ މި މަހުގެ 15 ގަ އެވެ.

އަލަމްގީރާ ގުޅުން ހިންގި މައްސަލާގައި ދެން ދައުވާކޮށްފައި ވަނީ މުހައްމަދު ނަޝީދު (ކާނަލް) ގެ މައްޗަށެވެ.

ގިނަ އަދަދެއްގެ ދިވެހިންތަކަކާ ގުޅުން ހިންގި ކަމަށް އިއުތިރާފުވެފައިވާ އަލަމްގީރަށް 7 މަހާއި 7 ދުވަހުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ މަހުގެ 31 ގަ އެވެ. އަދި އޭނަގެ މައްޗަށް މިހާރު އޮތީ އިތުރު 40 ދައުވާއެއް ވެސް އުފުލައިފަ އެވެ.