ރައްޔިތުންގެ މަޖިލިސް ހިތަދޫ މެދު ދާއިރާއަށް ވާދަކޮށް ނާކާމިޔާބްވި ހިޔަލީ މުހައްމަދު ރަޝީދު މަޖްލިސް އިންތިހާބްގައި އެދާއިރާއަށް ކުރިމަތި ލެއްވި އަނެއް ދެ ކެންޑިޑޭޓުން އިންތިހާބަށް ނުފޫޒު ފޯރުވުމަށް ރިޝްވަތުދީފައިވާކަން ސާބިތުކުރުމަށްޓަކައި ފުލުހުންގެ އިންޓެލިޖެންސް މައުލޫމާތު ހޯއްދެވުމަށް މިއަދު ހައިކޯޓުގައި އެދިވަޑައިގެންފިއެވެ.
ހިޔަލީގެ ގާނޫނީ ވަކީލް، އިބްރާހިމް ވަހީދު (ވައްޑެ) ވިދާޅުވީ އިންތިހާބަށް ނުފޫޒު ފޯރުވާފައިވޭތޯ ބެލުމަށް ފުލުހުންގެ އިންޓެލިޖެންސް މައުލޫމާތު ހޯއްދަވަން ބޭނުންފުޅުވާ ކަމަށެވެ.
ފުލުހުންގެ އިންޓެލިޖެންސްގައި އެފަދަ މައުލޫމާތު ހުރިކަން އެނގޭތޯ ޝަރީއަތުގެ މަޖިލީހުގައި ގާޒީ ސުވާލު ކުރެއްވުމުން ވައްޑެ ވިދާޅުވެފައިވަނީ ފުލުހުންގެ އަތުގައި އެފަދަ މައުލޫމާތެއް ހުރިކަން އެނގިވަޑައިގެންފައިނުވާ ކަމަށެވެ. ނަމަވެސް އިންތިހާބަށް ނުފޫޒު ފޯރުވާފައިވާކަން އިންޓެލިޖެންސް މައުލޫމާތުން އެނގެން އޮތް ކަމަށް އޭނާ ޝަރީއަތަށް ލިޔުމުން ހުށަހެޅި މައްސަލައިގަ ބުނެފައިވެ އެވެ.
މިއަދުގެ ޝަރީއަތުގައި ވައްޑެ ވިދާޅުވީ ބްރިގޭޑިއާ އިބްރާހިމް ދީދީއާއި އަމިއްލަ ގޮތުން ވާދަ ކުރެއްވި ހުސެއިން ސޯލިހް ފައިސާ އާއި މުދާ ރިޝްވަތުގެ ގޮތުގައި ބައެއް މީހުނަށް ދީފައިވާ ކަމަށެވެ. އަދި ބައެއް މީހުނަށް ވޯޓު ލުމުން މަހްރޫމް ކުރުމަށް އައިޑީ ކާޑު އަތުލައިފައިވާ ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ ތެރެއަށް ހިތަދޫ ދާއިރާގެ އިންތިހާބު ކާމިޔާބުކުރެއްވި އިބްރާހިމް ދީދީ ވަނީ ތަދައްހުލް ވެވަޑައިގެންފަ އެވެ.
އޭނާ ފަރާތުން ވާހަކަ ދެއްކެވި ގާނޫނީ ވަކީލް އިބްރާހިމް ފަރީދު ވިދާޅުވެފައިވަނީ ޖިނާއީ ކުށެއްގެ ސާބިތުވެފައި ނުވަނީސް އެފަދަ ކުށެއްގެ ތުހުމަތެއްގައި އިންތިހާބު ބާތިލް ނުކުރެވޭނެ ކަމަށެވެ.
ވައްޑެވަނީ އިންތިހާބަށް ނުފޫޒް ފޯރުވާފައިވާކަން ސާބިތުކޮށްދިނުމަށް ހެކިންގެ ގޮތުގައި 10 މީހެއްގެ ނަން ހުށަހަޅާފަ އެވެ. ނަމަވެސް އިބްރާހިމް ދީދީ ވެސް އަދި ހުސެއިން ސޯލިހް ސީދާ އެއްވެސް މީހަކަށް އެއްޗެއް ދީފައިވާކަން ހެކިން ދީފައިވާ ބަޔާނުގައި ބުނެފައިނުވާނެ ކަމަށް ވައްޑެ ވިދާޅުވި އެވެ.
ހިތަދޫ މެދު ދާއިރާގެ ގޮޑި ކާމިޔާބް ކުރެއްވީ ކުރީގެ ބްރިގޭޑިއަ ޖެނެރަލް (ރިޓަޔާޑް) އިބްރާހިމް ދީދީއެވެ.
އިބްރާހިމް ދީދީއަށް 1099 ވޯޓު ލިބިވަޑައިގަތް އިރު ހިޔަލީ އަށް ލިބިވަޑައިގަތީ 898 ވޯޓެވެ. އަދި އަމިއްލަގޮތުން ވާދަކުރެއްވި ހުސައިން ސާލިހަށް ލިބިވަޑައިގަތީ 554 ވޯޓެވެ