Last Updated: June 11, 05:43
Thursday, June 11, 2026
ޚަބަރު

ރޮޒޭ ދުންޔާ އަށް: "ތިވަރަށް ދޮގުހަދަން ލަދެއް ނުގަނޭތޯ؟"

ސަރުކާރަށް ފާޑުވިދާޅުވެ ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ދެއްކެވި ވާހަކަތަކަށް އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް (ރޮޒޭ) ރައްދު ދެއްވައިފިއެވެ.

ސަރުކާރަށް ފާޑުވިދާޅުވެ ދުންޔާ ވާހަކަ ދައްކަވާފައިވަނީ އެމްއެންޕީގެ ކޮންގްރެސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ދުންޔާގެ ވާހަކަތަކަށް ރައްދުދެއްވާ ކުރެއްވި ޓްވީޓެއްގައި ރޮޒޭ ވަނީ، "ތިވަރަށް ދޮގުހަދަން ލަދެއް ނުގަނޭތޯ" ސުވާލު ކޮށްފައެވެ.

ރޮޒޭ ވިދާޅުވީ، ދުންޔާ ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު، މުޅި ދުނިޔެއާ ރާއްޖެ ގުޅުން ކަނޑުވާލި ކަމަށާއި، އަދި ބޭރު ދުނިޔޭގައިވެސް ރާއްޖޭގެ އަގު ވެއްޓިފައި އޮތް ކަމަށެވެ. އަދި މިއަދު މުޅި ދުނިޔެ ރާއްޖެއަށް ތައުރީފު ކުރަމުން އަންނަ ކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.

ރޭ ފެށި އެމްއެންޕީގެ ކޮންގްރެސްގައި ވާހަކަދައްކަމުން ދުންޔާ ވިދާޅުވީ މިދިޔަ ތިން އަހަރު ފެނިގެން ދިޔައީ ހިންގުމުގެ ތަޖުރިބާއެއް، ވައްޓަފާޅިއެއް އަދި ގާބިލުކަމެއް މި ސަރުކާރުގައި ނެތްކަން ކަމަށެވެ.ދިވެހި ރައްޔިތުން މިވަނީ މިއިން ދުވަހަކު ނުވާ ވަރަށް ފަގީރުވެފައި ކަމަށާއި އަދި ރާއްޖޭގެ އާމްދާނީން ބޮލަކަށް ޖެހޭ މިންވަރު މިހާރު ވަނީ 2015 ވަނަ އަހަރު ހުރި ވަރަށް ވެއްޓިފައި ކަމަށެވެ.