ސްރީ ލަންކާގެ ކޮލޮމްބޯ އާއި އެ ސިޓީގެ ވަށައިގެންވާ ބައެއް ސަރަހައްދުގެ މުހިއްމު ބައެއް ތަންތަނަކީ ހައި ސެކިއުރިޓީ ޒޯންތަކުގެ ގޮތުގައި ރައީސް ރަނިލް ވިކްރަމަސިންހަ ކަނޑައަޅުއްވައިފި އެވެ.
ސެކިއުރިޓީ ވަރުގަދަ ކުރި ތަންތަނުގެ ތެރޭގައި ޕާލިމަންޓް އިމާރާތާއި ސުޕްރީމް ކޯޓް ކޮމްޕްލެކްސް އާއި ހައި ކޯޓް ކޮމްޕްލެކްސް އާއި މެޖިސްޓްރޭޓް ކޯޓް ކޮމްޕްލެކްސް އާއި އެޓާނީ ޖެނެރަލް ޑިޕާޓްމަންޓާއި ރިޔާސީ ގަނޑުވަރާއި ނޭވީ ހެޑްކުއާޓަރުގެ އިތުރުން ޕޮލިސް ހެޑްކުއާޓަރު ހިމެނެ އެވެ.
މީގެ އިތުރުން ޑިފެންސް މިނިސްޓްރީ އާއި އެެތަނުގެ ވަށައިގެންވާ ތަންތަނާއި ސްލޭވް އައިލޭންޑްގައި ހުންނަ އެއާފޯސްޓް ހެޑްކުއާޓަރާއި ފްލާވާ ރޯޑްގައި ހުންނަ ބޮޑުވަޒީރުގެ އޮފީހަކީ ވެސް ހައި ސެކިއުރިޓީން ޒޯންގެ ގޮތުގައި ކަނޑައަޅާފައިވެ އެވެ. މި ގޮތަށް ކަނޑައެޅުމާ ގުޅިގެން މި ސަރަހައްދުތައް އާންމުންވުމާއި އެއްވެސް ބާވަތެއްގެ ހަރަކާތްތަކެއް ހިންގުން ވަނީ މަނާކޮށްފަ އެވެ.
އެގޮތުން ހައި ސެކިއުރިޓީ ޒޯންތަކުގެ ގޮތުގައި ކަނޑައެޅި ތަންތަނުގައި ޕާކްކުރުމުގެ ހާއްސަ ހުއްދައެއް ލިބިގެން ނޫނީ އެއްވެސް ބާވަތެއްގެ ވެހިކަލެއް ޕާކްކުރުން ވެސް މަނާކޮށްފައިވެ އެވެ.
ލަންކާގެ މަސްރަހު މި އަހަރުގެ ކުރީކޮޅު ހޫނުވެ، އޭރުގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ އާއި ބޮޑުވަޒީރު ރަނިލްގެ ގެގޮޅާއި އޮފީސް ފަދަ ތަންތަނަަށް ޖުލައި މަހުގެ ކުރީކޮޅު އާންމުން ވަދެ ގަނެ، ހަމަނެހުންތައް ހިންގާފައިވެ އެވެ.
ލަންކާގެ ރައީސަކަށް ރަނިލް އިންތިހާބުކުރީ ޖުލައި މަހުގެ 20 ގަ އެވެ. އެއީ އެ މަހުގެ 14 ގައި ގޮޓަބަޔާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.