ބޯހިމެނުމުގެ މަސައްކަތުގެ ތެރެއިން އަތޮޅުތެރޭގެ 99 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ހާމަކޮށްފިއެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ސްޓެޓިސްޓިކަލް އޮފިސަރ ހުދާ ހަލީމް ވިދާޅުވީ، ބޯހިމެނުމުގެ މަސައްކަތުގައި މިހާތަނަށް ކުރެވުނު މަސައްކަތްތަކުން އަތޮޅުތެރޭގެ ރަށްތަކުގައި ދިރިއުޅޭ މީހުންގެ ބޯހިމެނުމުގެ 99 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.
ރަށްރަށުގައި ބޯހިމެނުމުގެ މަސައްކަތް ކާމިޔާބު ކަމާއިއެކު ނިންމުމުގައި ކައުންސިލްތަކާއި، އާންމު ރައްޔިތުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބުނުކަން ފާހަގަކޮށްފައިވެއެވެ.
ހުދާ ހަލީމް ވިދާޅުވީ ރަށްރަށުގައި ބޯހިމެނުމުގެ މައުލޫމާތުތައް ނަގާފައިވަނީ ޓެބްލެޓް ތަކުން ކަމަށްވުމުން، މިހާރު ކުރަމުންދަނީ އެޓެބްލެޓްތައް މާލެ ގެނެސް މައުލޫމާތުތައް އެއްކުރުމުގެ މަސައްކަތް ކަމަށެވެ.
ބޯހިމެނުން 2022 ގެ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމް.ބީ.އެސް) ގެފަރާތުންނެވެ. މިފަހަރުގެ ބޯހިމެނުމުގެ އަމަލީ މަސައްކަތުގައި 4000 އަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވެއެވެ.