އައްޑޫ ފޭދޫގައި ކުޑަކުދިންގެ ޕާކެއް ހަދަން ބޭނުންވާ ތަކެތި ދިން ނަމަވެސް އެ މަސައްކަތް މިހާތަނަށް ކޮށްފައި ނުވާތީ އެ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނިހާދު ކަންބޮޑިވުން ފާޅުކުރައްވައިފި އެވެ.
އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔޫތު މިނިސްޓްރީގެ ފަރާތުން ކުޑަކުދިންގެ ޕާކްތަކެއް ހަދަން އެންމެ ނިންމި ރަށްތަކުގެ ތެރޭގައި ފޭދޫ ހިމެނޭ ކަމަށެވެ. ނަމަވެސް ބުރަ މަސައްކަތުން ހޯދައި ފޮނުވި ތަކެތީގެ ބޭނުން ރައްޔިތުންނަށް ނުހިފޭ ނަމަ ޝަކުވާ އޮންނާނެ ކަމަށެވެ.
"މިނިސްޓަރު މަހުލޫފާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހެޔޮފުޅުކަމުން އެންމެ ފުރަތަމަ ލިސްޓްގައި [ޕާކް ހަދަން ނިންމި ރަށްރަކުގެ ތެރޭގައި] ފޭދޫ ހިމަނައި ދެއްވި." ނިހާދު ވިދާޅުވި އެވެ.
Bura masakkathun hoadhaafa fonuvey thaketheege beynun rayyithunnah nuhifey nama shakuvaa onanaane! Vazeeru @AhmedMahloof aai Raees @ibusolih ge heyofulhu kamun Enme furathama list Gai Feydhoo himanai dhevvi! Ekamaku…@DhekunuNizar @Ahmed_hamdhan @maldivesfaisal @SalmaAminath https://t.co/mQBlC1LHKg
— Feydhoo Meehaa (Mohamed Nihad) (@nihad_m) September 22, 2022
ނަމަވެސް އެ މަސައްކަތް ކުރެވިފައި ނުވާތީ މެމްބަރު ކުރެއްވި ޓްވީޓް ނިންމަލާވައްވާފައި އޮތީ "އެކަމަކު" އިންނެވެ. އަދި އެ ޓްވީޓްގައި އައްޑޫ މޭޔަރު އަލީ ނިޒާރާއި ފޭދޫގެ ދެ ކައުންސިލަރުން ކަމަށްވާ މާދެލަ ދާއިރާގެ މުހައްމަދު ފައިސަލާއި މަގުއްދޫ ދާއިރާގެ ކައުންސިލަރު އައިމިނަތު ސަލްމާ ޓެގްކުރައްވާފައިވެ އެވެ.
ފޭދޫގެ އިތުރުން ހިތަދު އާއި މަރަދޫގައި ކުޑަކުދިންގެ ޕާކްތަކެއް ހަދަން ޔޫތު މިނިސްޓްރީން އެކަމަށް ބޭނުންވާ ސެޓަޕްތަކާއި އެ އެއްޗެހި އިންސްޓޯލްކުރަން ބަޖެޓް ދިނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. އެގޮތުން ހިތަދޫ އާއި މަރަދޫގެ ޕާކް ވަނީ ނިންމައިފަ އެވެ.
ނަމަވެސް ފޭދޫ ހިއްކި ބިމުގައި ހަދަން ނިންމި ޕާކްގެ އެއްވެސް މަސައްކަތެއް މިހާތަނަށް ކޮށްފައެއް ނުވެ އެވެ.
މިކަމާ ގުޅިގެން ސަލްމާ ވިދާޅުވީ އެ މަސައްކަތް ނުފެށި އޮތީ އެކަމަށް ބޭނުންވާ ބަޖެޓްގެ ތާށިކަމާ ހެދި ކަމަށާއި އެކަމަކު މި އަހަރު ނިމުމުގެ ކުރިން ފޭދޫ ޕާކް ނިންމާނެ ކަމަށެވެ.