Last Updated: July 23, 13:11
Thursday, July 23, 2026
ދުނިޔެ

ލަންކާ ވަޒީރުންގެ ބޭރު ދަތުރުތައް މަދުކުރަން ނިންމައިފި

ސްރީ ލަންކާ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ކެބިނެޓް މިިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުން ގައުމުން ބޭރަށް ކުރައްވާ ރަސްމީ ދަތުރުތައް މަދުކުރަން ނިންމައިފި އެވެ.

މި ގޮތަށް ނިންމީ އެކަމާ ގުޅޭ ގޮތުން ރައީސް ރަނިލް ވިކްރަމަސިންހަގެ ހުށަހެޅުއްވުމަކާ ގުޅިގެންނެވެ. ރައީސްގެ ހުށަހެޅުއްވުމުގައި ވިދާޅުވެފައި ވަނީ ކެބިނެޓް މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުން ގައުމަށް ބޭރަށް ކޮންމެހެން ކުރައްވަން ޖެހޭ ދަތުރެއް ނޫނީ ނުކުރެއްވުމަށެވެ،. އަދި އެފަދަ ދަތުރެއް ކޮންމެހެން ކުރައްވަން ޖެހޭ ހާލަތްތަކުގައި ކުރައްވާ ދަތުރުގައި ބަވައިވެރިވެވަޑައިގަންނަވާ ވަފުދުގެ މެމްބަރުންގެ އަދަދު ވެސް ވީހާ ވެސް ބޮޑަށް މަދު ކުރެއްވުމަށެވެ.

މިފަދަ ހުށަހެޅުމެއް ރަނިލް ހުށަހެޅުއްވީ ލަންކާ އަށް މިހާރު ދިމާވެފައިވާ އޮތް މާލީ އަދި އިގުތިސާދީ ދަތިތަކާ ހެދި ސަރުކާރުގެ ހަރަދުތައް ވީހާ ވެސް ބޮޑަށް ކުޑަކުރަން އަޅުއްވާ ފިޔަވަޅެއްގެ ގޮތުގަ އެވެ. އަދި އެ ނިންމުމަށް ކެބިނެޓުން ރުހުން ވެސް ދީފައިވެ އެވެ.

ރަނިލް ރައީސްކަމަށް އިންތިހާބުވަޑައިގަތީ މުދިޔަ ޖުލައި 20 ގަ އެވެ. މަގާމާ ހަވާލުވެވަޑައިގަތް ފަހުން ރަނިލް ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރަކީ މި މަހުގެ 19 ގައި އިނގިރޭސީ ރާނީ އެލިޒަބަތު ދޭއްގެ ޖަނާޒާގައި ބައިވެރިވަޑައިގަތުމަށް ކުރެއްވި ދަތުރެވެ.