Last Updated: June 11, 05:43
Thursday, June 11, 2026
ޚަބަރު

ގެއްލުނު ޒުވާނާ ކާރަކަށް އަރާ މަންޒަރު ފެނޭ: ފުލުހުން

ކ. މާލެ / ހ. ބޮނޑިކަނދޮޅުގެ، މުޙައްމަދު އަޛުހާން (27އ)-

ހުޅުމާލެ ފޭސް ދޭކުން ގެއްލިގެން ހޯދަމުން އަންނަ ޒުވާނާ ހިޔާ ފްލެޓް ސަރަހައްދުން ކާރަކަށް އަރާ މަންޒަރު ފެންނަކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނެފައިވަނީ ހުޅުމާލެ ފޭސް ދޭކުން ގެއްލިގެން ހޯދަމުންދާ ކ. މާލެ / ހ. ބޮނޑިކަނދޮޅުގެ، މުހައްމަދު އަޛުހާން ހޯދުމުގެ މަސައްކަތް އަދިވެސް ފުލުހުން ކުރަމުންދާ ކަމަށެވެ.

މިހާތަނަށް ފުލުހުން ކުރި މަސައްކަތުން މުހައްމަދު އަޛުހާން އެންމެ ފަހުން ފެނިފައިވަނީ ސެޕްޓެމްބަރ މަހުގެ 18 ވަނަ ދުވަހު ފަތިހުގެ ހިޔާ ފްލެޓް 13 ވަނަ ޓަވަރު ކައިރިން ކަމަށާއި، އެގޮތުން ފުލުހުން އެސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ބެލިބެލުމުން އެދުވަހުގެ 04:53 އެހާކަންހާއިރު ހުދުކުލައިގެ ކާރަކަށް އަރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އިތުރު ފުޓޭޖުތައް ބަލައި، ކާރު ދެނެގަތުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އާންމު ކޮށްފައިވާ ކާރުގެ ފޮޓޯ–

ފުލުހުން ވަނީ އެ ވަގުތު އެފަދަ ޓެކްސީއެއް ފެނިފައިވާ ފަރާތެއްވާނަމަ ނުވަތަ ސެޕްޓެމްބަރު 18 ވަނަ ދުވަހު ފަތިހު ހިޔާ ފްލެޓް 13 ވަނަ ޓަވަރު ކައިރިން ދަތުރެއް ނަގާފައިވާކަމަށް ބެލެވޭނަމަ، ޑްރައިވަރު އެކަން ލަސް ނުކޮށް ހުޅުމާލެ ޕޮލިސް ފޭސް ދޭއް އިންވެސްޓިގޭޝަން ނަންބަރު 9393351 ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅުަައްވައި ހިއްސާކުރެއްވުން އެދިފައެވެ.