Last Updated: July 23, 13:11
Thursday, July 23, 2026
މުނިފޫހިފިލުވުން

"ސައުދީ އައިޑޮލް" ޑިސެމްބަރުގައި

ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ފްރެންޗައިޒް ޝޯއެއްގެ ގޮތުގައި ގެނެސްދެމުން އަންނަ މަޝްހޫރު "އައިޑޮލް" ލަވަ ޝޯގެ ސައުދީ އަރަބިއްޔާގެ ވާޝަން "ސައުދީ އައިޑޮލް" މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ގެނެސްދޭން ނިންމައިފި އެވެ.

އިނގިރޭސިވިލާތުގެ ފްރެމެންޓެލް މީޑިއާގެ މި ޝޯގެ ސައުދީ ވާޝަން ގެނެސްދޭން ނިންމާފައި ވަނީ އެ ގައުމުގެ ޖެނެރަލް އެންޓަޓައިންމަންޓް އޮތޯރިޓީ އާއި އެމްބީސީ ގްރޫޕް ގުޅިގެންނެވެ. މިއާ އެކީ "ސައުދީ އައިޑޮލް" ވާނީ މި ޝޯގެ ސައުދީގެ ފުރަތަމަ ސީޒަނަށެވެ.

މިކަމާ ބެހޭ ގޮތުން ޖެނެރަލް އެންޓައިންމަންޓް އޮތޯރިޓީގެ ޗެއާމަން ތުރުކީ އަލް-ޝެއިހް ވިދާޅުވީ "ސައުދީ އައިޑޮލް" ވެގެން ދާނީ ސައުދީގައި ތިބި މިއުޒިކަށް ލޯބިކުރާ ޒުވާނުންނަށް އެ މީހުންގެ ހުނަރުތައް ދައްކާލައި މިއުޒިކީ ދާއިރާ އިން ކުރިއަށްދާން ހުޅުވައިލެވޭ ވަރަށް ބޮޑު ދޮރަކަށް ކަމަށެވެ.

ރަސްމީކޮށް އަދި ފަށާނެ ތާރީހެއް ހާމަނުކުރާ "ސައުދީ އައިޑޮލް" ގެ ޖަޖުންގެ ގޮތުގައި ބައިވެރިވަނީ ސައުދީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަސީލް އަބޫބަކްރާއި ޔޫއޭއީގެ ލަވަކިޔުންތެރިޔާ/ބަތަލާ އަހްލާމާއި އިރާގަށް އުފަން ސައުދީ ލަވަކިޔުންތެރިޔާ އަދި މިއުޒިކް ކޮމްޕޯޒަރު މާޖިދު އަލްމޮހަންދީސްގެ އިތުރުން ސީރިއާގެ ލަވަކިޔުންތެރިޔާ އައްސަލާ އެވެ.

ސައުދީގެ މިހާރުގެ ވަލީއަހުމަދު މުހައްމަދު ބިން ސަލްމާނާ އެކީ އެ ގައުމުން މިހާރު އަންނަ ބަދަލުތަކާ އެކީ ކުރިން ސައުދީގައި ނުކުރާ ވަރަށް ގިން ކަންކަން އަންނަނީ މިހާރު ތައާރަފުކުރަމުންނެވެ. އެގޮތުން މުނިފޫހި ދާއިރާ އިން ތަފާތު އެކިއެކި ކަންކަން ސައުދީން މިހާރު އަންނަނީ ކުރަމުންނެވެ.