Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

އަސާސީ ހިދުމަތްތައް ފުރިހަމަވާތީ އުފާވޭ

ރާއްޖޭގެ ރަށްރަށުގައި މިހާރު ފެނާއި ނަރުދަމާ ފަދަ އަސާސީ ހިދުމަތްތައް މިހާރު ފުރިހަމަވަމުން އަންނާތީ އުފާކުރައްވާ ކަމަށާއި މިފަދަ ހިދުމަތްތަކަކީ ސިޔާސީ ޕާޓީތަކުން ރައްޔިތުންނަށް ހުށަހަޅާ މެނިފެސްޓޯތަކުގައި ލިޔެގެން ކުރަން ޖެހޭ ކަންކަން ނޫން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު އުތުރުގެ ބައެއް ރަށްތަކަށް ފެއްޓެވި ދަތުރުގެ ތެރެއިން ހދ. ނާވައިދުގެ ފެނުގެ ހިދުމަތް އިފުތޮތާހުކުރަން ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އެ ރަށުގައި އުޅޭ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހައްގުތައް ކަށަވަރުނުވެ އޮތުމަކީ މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރުވެސް އެރަށުގެ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާ ކަމަށެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވެސް ދެއްވި އެންމެ ބޮޑު ޔަގީން ކަމަކީ ހަމަ ހަމަކަމާ އެކީ ކޮންމެ ރަށަކަށް، އަތޮޅަކަށް އަދި ސިޓީއަކަށް ވެސް އަސާސީ ޚިދުމަތްަތއް ފިރިހަމަކޮށް ދިނުން ކަމަށެވެ. އަދި މި މަސައްކަތުގެ ތެރެއިން ނައިވާދޫގައި ފެނުގެ ނިޒާމު ގާއިމްވެގެން ދިއުމަކީ ލިބޭ ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޤާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތައް ކަށަވަރުކޮށް ދޭން ޖެހޭނީ މެނިފެސްޓޯތަކުގައި ލިޔެގެން ނޫން ކަމަށެވެ. އަދި ތަފާތު ކުރުމެއްނެތި ކުޑަރަށެއް، ބޮޑުރަށެއްނެތި ފެނާއި، ނަރުދަމާގެ ނިޒާމާއި، ޞިއްޙަތާއި ތައުލީމު ފޯރުކޮށް ދިނުމަކީ އޮންނަ ސަރުކާރަކުން ވެސް ކޮށްދޭން ޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ބުނަމުން ދިޔައީ އެއްވެސް ރައްޔިތަކު ތަފާތު ނުކޮށް ހަމަހަމަ ކަމާއެކު ކަންކަން ކޮށްދޭނަމޭ. އުޅޭ ރަށެއް އަތޮޅު ސިޓީއެއް ތަފާތު ނުކޮށް ކޮންމެހެން ދޭންޖެހޭ ޚިދުމަތް ހަމަހަމަ ކަމާއެކު ފޯރުކޮށް ދޭނަމޭ. އެއީ މެނިފެސްޓޯގައި ލިޔަން ޖެހޭ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ. "ޤާނޫނު އަސާސީގައިވެސް އޮންނަނީ ހަމަހަމަ ކަމާއެކު ޚިދުމަތް ފޯރުކޮށް ދިނުމަށް. އެކަން އަޅުގަނޑުމެން ޔަގީން ކޮށްދެމުން މި ދަނީ."

ރައީސް ވިދާޅުވި ގޮތުގައި ތަރައްގީއަށްޓަކައި ކުރަން ޖެހޭ ކަންކަމަކީ ހުއްޓުމެއް އަންނާނެ ކަމެއް ނޫނެވެ. އަދި ކޮންމެ ރަށަކަށް ބޭނުންވާ ކަންކަން ކުރުމުގައި ސަރުކާރުން ދެމިތިބޭނެކަމަށާއި، ތަފާތެއް ނެތި ޚިދުމަތް ދިނުމަކީ މި ސަރުކާރުގެ އަމާޒު ކަމަށް ވިދާޅުވި އެވެ.