މާލެ ފިޔަވައި ރާއްޖޭގެ ފުރަތަމަ ޓްރެފިކް ޕޮލިހުންގެ ހިދްމަތް އައްޑޫގައި ފެށުމަށް ނިންމާފައިވާ ކަމަށް ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ 81 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ރޭ ޝަރަފުއްދީން ސްކޫލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ނައިބް ރައީސް ޑރ. ޖަމީލް ވިދާޅުވީ އައްޑޫގައި އެންމެ މިޒަމާނުގެ ސީސީޓީވީ ކެމެރާ ހަރުކުރެވި ޓްރެފިކް ޕޮލިހުންގެ ހިދްމަތް ފެށުމަށް ނިންމަވާފައިވާ ކަމަށެވެ.
ޖަމީލް ވިދާޅުވީ ފެބްރުއަރީ، 8، 2012ގައި އައްޑޫގައި ހުރި ޕޮލިސް ސްޓޭޝަނާއި، ޕޮލިސް ޓްރޭނިން ސްކޫލްގެ އިތުރުން ގިނަ އަދަދެއްގެ ވެހިކަލް އަންދާލާފައި ވުމުން އެތަކެތި އިޔާދަކުރުމަށް އެހީ ދިނުމަށް އެއްބަސްވި ގައުމުތަކާއި އެކު އަލުން މަޝްވަރާކޮށް މިއަހަރު ނިމުމުގެ ކުރިން އެތަކެތި ލިބޭނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"އިރާދަ ކުރެއްވިއްޔާ މި ސަރުކާރުން އައްޑޫ ސިޓީ އާއި ފުވައްމުލައް އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެންމެ ފަހުގެ ސީސީޓީވީ ކެމެރާ ހަރުކޮށް ރައްޔިތުންނަށް އަމާން ވެއްޓެއް ގާއިމްކުރެވިގެންދާނެ" ޖަމީލް ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވީ މި ސަރުކާރުން ރައްޔިތުންގެ ސަލާމަތާއި، ރައްކާތެރިކަމަށް ބޮޑު އިސްކަމެއް ދެއްވާނެކަމަށާއި، އެކަމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.
މި ސަރުކާރުގެ 100 ދުވަހުގެ މަގުޗާޓުގައި ހިމަނައިގެން އައްޑޫގެ 5 ސަރަހައްދެއްގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި ދޭތެރެ ދޭތެރެއިން ޓްރެފިކް ޗެކް ކުރުމުގެ ހާއްސަ އޮޕަރޭޝަން ދަނީ ހިންގަމުންނެވެ.