އައްޑޫ ސިޓީ ހިތަދޫ ޕޯޓް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ ކަމަށް މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.
އެމްޕީއެލްގެ ދަށުން ހިންގަމުންދާ ހިތަދޫ ޕޯޓް (އެޗްޕީއެލް)، އައްޑޫ އިންޓަނޭޝަނަލް ޕޯޓުގެ ގޮތުގައި ތަރައްގީ ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ.
ހިތަދޫ ޕޯޓަށް ގެނައި އާ ކްރޭން ހަވާލުކުރުމަށް މިއަދު ބޭއްވި ހަފްލާގައި ވާހަކަދައްކަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ އެމްޓީސީސީއާއެކު ކުރެވެމުންދާ މަޝްވަރާތަކުގައި މިހާރު ރޭވިފައިވަނީ މިއަހަރު ނިމުމުގެ ކުރިން ޕޯޓް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ކަމަށެވެ.
އޭގެތެރޭގައި ހިމެނެނީ އިނަރ ހާބާގެ ބޭސިން ފުންކުރުމުގެ މަސައްކަތާއި، ކީވޯލް ޖެހުމުގެ މަސައްކަތާއި އަދި ބްރޭކްވޯޓާ އާއި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކަމަށް ޝާހިދު ވިދާޅުވި އެވެ. އެ މަސައްކަތް ނިމުމުން ހިތަދޫ ޕޯޓްގައި މިހާރު ދިމާވާ ބޯޓު ރޯލްކުރުމުގެ މަސައްކަތަށް ހައްލު ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން މި މަސައްކަތް ނިމުމުން ބޯޓުތަކަށް ވަރަށް ސަލާމަތާއި ރައްކާތެރިކަމާއެކު ބަނދަރު ކުރެވޭނެ ޕޯޓަކަށް ހިތަދޫ ޕޯޓު ވެގެންދާނެ ކަމަށާއި އޭގެ ސަބަބުން ހިތަދޫ ޕޯޓަށް އަންނަ މުދަލުގެ އަދަދު ވެސް އިތުރުވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި މިހާރު ހިތަދޫ ޕޯޓަށް ކައިރި ނުކުރެވޭ އެތައް ބޯޓަކަށް ކައިރި ކުރުމުގެ ފުރުސަތު ވެސް ބޮޑުވެގެންދާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.
އައްޑޫ ސަރަޙައްދީ ޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، 500972 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 8.50 ހެކްޓަރުގެ ސަރަހައްދެއްގެ ބިންހިއްކުމާއި، 2،360 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 500 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 25،900 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން އަދި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެ އެވެ.
އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއަކީ 211.771 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މަޝްރޫއު ނިންމުމަށް ހަމަޖެހިފައި ވަނީ 525 ދުވަހުގެ ތެރޭގަ އެވެ.
ޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު މި ކުންފުނިން އެމްޓީސީސީއާ ހަވާލުކުރީ އޭޕްރީލް 2، 2021 ގަ އެވެ.