Last Updated: May 8, 02:23
Tuesday, May 7, 2024
ދުނިޔެ

މަޝްހޫރު އިލްމުވެރިޔާ ޔޫސުފް އަލް ގަރްދާވީ އަވަހާރަވެއްޖެ

މިސްރުގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޔޫސުފް އަލް ގަރްދާވީ އަވަހާރަވެއްޖެ އެވެ.

ގަރްދާވީ ،96، އަހަރުގައި އަވަހާރަވިކަން އޭނާގެ ޓްވިޓާ އެކައުންޓުން މިއަދު ވަނީ ހާމަކޮށްފަ އެވެ. ގަރްދާވީ އަވަހާރަވީ ގަތަރަށެވެ. 2013 ވަނަ އަހަރުން ފެށިގެން ގަރްދާވީ ދިރިއުޅުއްވަމުން ގެންދެވީ ގަތަރުގަ އެވެ.

ގަރްދާވީ އަކީ މިސްރުގައި ހުދުމުހުތާރު ވެރިކަމެއް ކުރި ހުސްނީ މުބާރަކްގެ ވެރިކަން އިންގިލާބުކުރަން ފާޅުކަން ބޮޑު ގޮތެއްގައި ހިތްވަރު ދެއްވި ފަރާތެކެވެ. ހުސްނީ މުބާރަކް އިސްތިއުފާ ދެއްވުމުން މިސްރުގައި ބޭއްވި ފުރަތަމަ މިނިވަން އިންތިހާބުގައި އެގައުމުގެ ރައީސަކަށް އިންތިހާބު ކުރީ ގަރްދާވީ ނިސްބަތްވާ މުސްލިމް ބްރަދާހުޑް ޖަމާއަތުގެ މުހައްމަދު މުރްސީ އެވެ.

ނަމަވެސް އަހަރެއްހާ ދުވަސްފަހުން އަސްކަރީ ބަޣާވާތަކުން މުރްސީގެ ވެރިކަން ވައްޓާލިއިރު ދެން ވެރިކަމަށް އައީ އޭރުގެ ޑިފެންސް މިނިސްޓަރު އަބްދުލް ފައްތާހު އަލް ސީސީ އެވެ. ސީސީ ވެރިކަމަށް އައުމަށްފަހު ވަނީ މުސްލިމް ބްރަދާހުޑް ޖަމާއަތުގެ އިސް ފަރާތްތައް ޖަލަށްލައި ބައެއް ފަރާތްތައް މެރުމަށް ވެސް ހުކުމްކޮށްފަ އެވެ.

އެގޮތުން ގަރްދާވީގެ ޣައިރު ހާޒިރުގައި އޭނާގެ ޝަރީއަތް ހިންގައި ވަނީ 2015 ވަނަ އަހަރު މެރުމަށް ހުކުމްކޮށްފަ އެވެ.

ގަރްދާވީ އަކީ ދޯހާގައި ގާއިމްކޮށްފައިވާ އިންޓަނޭޝަނަލް ޔޫނިއަން އޮފް މުސްލިމް ސްކޯލާރސް ގެ ވެރިޔާ ވެސް މެ އެވެ.