Last Updated: June 29, 19:00
Monday, June 29, 2026

އާ ޕޮލިސް އެކަޑަމީއެއް އަޅަނީ

ފެބްރުއަރީ، 8، 2012 ވަނަ ދުވަހު އަންދާލި ހިތަދޫ ޕޮލިސް އެކަޑަމީގެ ބަދަލުގައި އާ އެކަޑަމީއެއް އެޅުމަށް ކައުންސިލުން ބިމެއް ހަމަޖައްސާ ދިނުމާއި ގުޅިގެން އާ އެކަޑަމީއެއް އެޅުމަށް ނިންމާފައިވާ ކަމަށް ކަމިޝްނާ އޮޕް ޕޮލިސް ހުސެއިން ވަޙީދު ވިދާޅުވެއްޖެ އެވެ.

ޕޮލިހުންގެ 81 ވަނަ އަހަރީ ދުވަހާއި ގުޅިގެން ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ކަމިޝަނަރު އޮޕް ޕޮލިސް ހުސެއިން ވަހީދު ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލުން އެކަޑަމީ އެޅުމަށް މިހާރު ބިމެއް ހަމަޖައްސާދީފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެކަޑަމީ އެޅުމަށް ކައުންސިލުން މިވަނީ ބިމެއް ހަމަޖައްސާދީފައި، އިރާދަކުރެއްވިއްޔާ އެހީދޭ ގައުމުތަކުގެ އެހީގައި އެމަސައްކަތް ފެށިގެންދާނެ، " ހުސެއިން ވަހީދު ވިދާޅުވި އެވެ.

ވަހީދު ވިދާޅުވީ ފުލުހުންގެ ހިދްމަތް ރައްޔިތުންނަށް ދޭންވާނީ ވަރަށް ޒިއްމާދާރުކަމާއި އެކުގައިކަމަށާއި، އެކަމަށް ޕްރްފެޝަނަލް ސްކިލްއާއި ޓްރެއިނިން ބޭނުންވާ ކަމަށެވެ. އަދި އެކަމަށްޓަކައި ބައެއް ހާލަތްތަކުގައި ފުލުހުން އެއްތަނުން އަނެއްތަނަށް ބަދަލުވާން ޖެހިދާނެކަމަށެވެ.

ހުސެއިން ވަހީދު ވިދާޅުވީ އައްޑޫ ސިޓީ އަމާން ތަނަކަށް ހެދުމަށް ފުލުހުންގެ މުވައްސަސާއިން ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށެވެ. އަދި "އަފިރިންގެ އަމާން އައްޑޫ ސިޓީ" ގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑު ރައްކާތެރިކަަމެއް ލިބިގެން ގޮސްފައިވާކަމަށެވެ.

އައްޑޫގައި ފުލުހުން ފޯރުކޮށްދެމުންދާ ހިދްމަތްދާ ގޮތް އެކިފަހަރުމަތިން ޒިޔާރަތްކޮށް ކައިރިން ބަލާފައިވާ ކަމަށް ވިދާޅުވެ، ފުލުހުންގެ ހިދްމަތް ރައްޔިތުންނަށް ފުރިހަމައަށް ފޯރުކޮށްދިނުމަށް އައްޑޫ ސިޓީ ކައުންސިލުން ފުލުހުންނަށް ދޭ އެއްބާރުލުން ފާހަގަކޮށް ކައުންސިލަށާއި މޭޔަރ އަބްދުﷲ ސޯދިގް (ސޯބެ)އަށް ވަނީ ޝުކުރު ދަންނަވާފައެވެ.

ފުލުހުންގެ 81 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ސްމިއްޔާތުގައި ރާއްޖޭގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އާއި ފުލުހުންގެ އިސް އޮފިސަރުންގެ އިތުރުން އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުންނާއި މޭޔަރ އަދި ސިފައިންގެ އޮފިސަރުން ވަނީ ބައިވެރިވެފައެވެ.