Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު ރައީސް ސޯލިހު

އިޖުތިމާއީ މައްސަލަތައް ފެށެނީ، ޤައުމިއްޔަތުގެ ސިފަތަކާ އޮތްގުޅުން ކުޑަވުމުން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް- ފޮޓޯ: ރައީސް އޮފީސް

އިޖުތިމާއީ މައްސަލަތައް ފެށެނީ، ޤައުމިއްޔަތުގެ ސިފަތަކާ އޮތްގުޅުން ކުޑަވުމުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އުތީމުގައި ބޭއްވި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ދިރިއުޅޭ އިންސާނުން ނެތި ފަޅަށް އޮންނަ ކިތަންމެ ބޮޑު ސަރަހައްދަކީ، އަދި ޤައުމެއް ނޫން ކަމަށެވެ. ޤައުމެއް ނެތި ޤައުމިއްޔަތެއް ނޯންނާނެކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމިއްޔަތަށް ފުރާނައެޅި، ދިރުން ލިބުނީ، ދިވެހިންގެ ސަބަބުން ކަމަށެވެ. އެގޮތުން ދިވެހިންގެ އުޅުމާއި، ގުޅުމާއި، އިސްކުރާ ކަންކަމާ، ފަސްކުރާ ކަންކަމުގައި ހުންނަ ތަރުތީބަކީ ގައުމިއްޔަތުގެ ތަރުތީބު ކަމަށް ރައިސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ ދިވެހި ކާބަފައިން އެކީ އެއްހަމައެއްގައި އުފުލާ ގެނެސް، ހަވާލުކުރި ޒިންމާއަކީ، މިޤައުމާއި ދިވެހި ޤައުމިއްޔަތު ކަމަށެވެ.

"ބޭނުންވާ އެއްޗެއް، ބޭރުން އެތެރެ ކުރެވިދާނެ. އެހެންނަމަވެސް ޤައިމިއްޔަތަކީ އިމްޕޯޓް ކުރެވޭ އެއްޗެއް ނޫން." ރައީސް ސޯލިހް ވިދާޅުވިއެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ޤައުމިއްޔަތަކީ ޤައުމުދެކެވާ ލޯބި ކަމަށާއި، ވަށައިގެންވާ މާހައުލުގައިވާ، ކޮންމެ އެއްޗަކާ ދިރުމަކަށްޓަކާ، ހިތުގާ އޮންނަ ކުލުނު ކަމަށެވެ. ދިވެހިންގެ ދިވެހިއްޔަތަށް ދުނިޔެ ހެކިވާކަން ފާހަގަކޮށް ރައީސް ވިދާޅުވީ މެހެމާންދާރީއާ އޯގާތެރި ކަމާ ހިތްހެޔޮކަން ނުވިނަމަ، ދުނިޔޭގެ އެންމެ މަޤްބޫލު ޓޫރިސްޓް މަންޒިލުކަމުގައި ރާއްޖެ ނުވީސްކަމަށެވެ.

ރައީސް ވިދާޅުވީ ބޮޑުތަކުރުފާނު ކުރައްސަވައިދެއްވި ޤައުމިއްޔަތުގެ ޗާޓުން ދައްކަނީ، މެހެމާނުންނަށް ކަމޭހިތާ އިހްތިރާމްކޮށް އޯގާތެރިވުންކަމަށެވެ. އަދި ރާއްޖެއަށް ލާބަހުރި ކޮންމެ ކަމެއްގައި ބޮޑުތަކުރުފާނު އިސްކުރެއްވި ހާރިޖީ ސިޔާސަތަކީ ޤައުމިއްޔަތުގެ ބައެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"މިއަދު ފެންނަ އިޖްތިމާއީ ބޮޑެތި ހުރިހާ މައްސަލަތަކެއްގެ ފެށުން ގުޅެނީ، ޤައުމިއްޔަތުގެ ސިފަތަކާ އޮތްގުޅުން ކުޑަވުމާ. ބޮޑުތަކުރުފާނު އަމާންކުރެއްވި ކަނޑުތަށް، ނާމާން ކުރާ މަސްތުވާތަކެއްޗާ، ވަގުވިޔަފާރިއަށް މަގުފަހި ކުރުމަކީ، ދިވެހި ޤައުމިއްޔަތެއް ނޫން. މަސްތިވާތަކެއްޗާ ގޭންގް ކުށްތަކަކީ، ޤައުމިއްޔަތާ ދުރުވިވަރަކަށް، ގާތްވާކަންކަން." ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ސޯލިހް ވިދާޅުވީ އިސްލާމްދީނުގެ މަތިވެރިކަމާ، އެދީނުގެ ސައްހަ އަގީދާއަކީ ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބުކަމަށެވެ.

ޓެރަރިޒަމަކީ ދިވެހިން ދަންނަ ކަމެއް ނޫންކަން ފާހަގަކޮށް ރައީސް ވިދާޅުވީ ލާމެހިފައިވާ ދުނިޔޭގާ، އެހެން އިންސާނުންނާ އެކު މުއާމަލާތުކުރެވި، ސުލްހަ މަސަލަސްކަމާއެކު އުފަލުގައި ދިރިއުޅުމަކީ ދިވެހިން އެދޭގޮތް ކަމަށެވެ. އަދި ވިދާޅުވީ ޤައުމިއްޔަތަކީ ތަފާތެއް ނެތި އަމާޒެއް އޮވެ، ޖަޒީރާ ކުދި ރަށްތަކާއެކު ދިރިއުޅެވޭނޭ ގޮތެއް ރައްޔިތުންނަށް ހޯދައިދިނުން ކަމަށެވެ.