Last Updated: June 15, 13:32
Monday, June 15, 2026
ޚަބަރު

ރާ ފުޅިއަކާ ހެދި ޕީޖީ ޝަމީމް "ހޫނުފެނަށް"

އިންސްޓަގްރާމް ސްޓޯރީގައި ޕްރޮސެކިއުޓަ ޖެނަރަލް ހުސައިން ޝަމީމް އިއްޔެ ބަނގުރާ ފުޅިއެއްގެ ފޮޓޯ ޕޯސްޓްކުރުމާ ގުޅިގެން ބޮޑެތި ފާޑުކިޔުންތައް އަމާޒުވެ، އޭނަގެ އިސްތިއުފާ އަށް ގޮވުން އިތުރުވެއްޖެ އެވެ.

ޝަމީމްގެ ޕްރައިވެޓް އިންސްޓަގްރާމް އެކައުންޓްގައި ޕޯސްޓްކުރި ފޮޓޯގައި ފެންނަނީ ރާ ފުޅިއެއް އަތަށް ލައްވައިގެން ހުންނަވަނިކޮށެވެ. އަދި އޭގައި "ވެލްކަމް ޓު ޖޯޖިއާ" ލިޔުއްވާފައިވެ އެވެ. އެ ފޮޓޯގައި ފެންނަނީ ޖޯޖިއާގެ ބަނގުރަލުގެ ބްރޭންޑެއް ކަމަށްވާ މަރާނީ ބްރޭންޑްގެ ރާ ފުޅިއެކެވެ.

އަބަދު ވެސް އިސްލާމް ދީނާ ފުށުއަރާ ފިކުރުތަކެއް ގެންގުޅުއްވާ ކަމަށް ގިނަ ބަޔަކު ތުހުމަތުކުރާ ޕީޖީ ޝަމީމްގެ މި ފޮޓޯއާ އެކީ އޭނަގެ އިސްތިއުފާ އަށް ޝެއިހް އަލީ ޒައިދާއި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގު (ޓޮމް) ފަދަ ބޭފުޅުވުން ވަގުތުން ވަގުތަށް ޝަމީމް އިސްތިއުފާ ދޭން ގޮވާލައްވާފައިވެ އެވެ.

ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރާ އެކީ އެއްޖިންސުން ގުޅުން ހިންގައިގެން ކުށްސާބިތު ފުލުސް މީހާ އަބްދުއްރަހުމާ ރަފީއު (ދޮންދިގު) އަށް އިއްވި އެއް އަހަރާއި ދެ މަހުގެ ޖަލު ހުކުމް ލުއިކުރަން ހައި ކޯޓްގައި އިސްތިއުނާފުކުރަން ޕީޖީން ނިންމުމާ ގުޅިގެން ވެސް ޝަމީމު ޕީޖީގެ މަގާމަށް އެކަށީގެން ނުވާ ކަމަށް ޒައިދު ވިދާޅުވެފައިވެ އެވެ.

"ބަނގުރާ ޕްރޮމޯޓްކުރާ ކަމަށް ތުހުމަތުކުރެވޭ ޕީޖީ މަގާމުން ވަކިކުރަން ޖެހޭ. އިސްލާމީ ގައުމެއްގެ ޕީޖީގެ މަގާމަށް އެތައް ގޮތަކުން ކުފޫހަމަ ނުވާ ބޭފުޅެއް،" ޒައިދު ވިދާޅުވި އެވެ. "ސަރުކާރު އަތުގައި މަޖިލިސް އޮތްއިރު މިކަމާ އަޅާނުލާތިބުމަކީ އެއްގޮތްކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން. ފަހަތުފަޔަށް ބުރަވެނުލައްވާ."