ސްރީ ލަންކާގެ އަމިއްލަ އެއާލައިނެއް ކަމަށްވާ "ފިޓްސްއެއާ" އިންޓަނޭޝަނަލް ދަތުރުތައް ރާއްޖެ ހިމެނޭ ގޮތަށް އަންނަ މަހު ފަށަން އިތުރު ދެ މަންޒިލަކަށް ފަށަން ނިންމައިފި އެވެ.
ފިޓްސް އޭވިއޭޝަންގެ ގޮތުގައި ޕްރޮމޯޓްކުރާ އަދި އެބަޑީން ހޯލްޑިން ގްރޫޕުން އޮޕަރޭޓްކުރާ "ފިޓްސްއެއާ" އިން އަންނަ މަހުގެ 5 ގައި އިންޓަނޭޝަނަލް ދަތުރުތައް ފަށަނީ ކޮލޮމްބޯ އިން ރާއްޖެ އާއި އިންޑިއާގެ އިތުރުން ދުބާއީއަށެވެ. އެ އެއާލައިނުން މި ދަތުރުތަކަށް ބޭނުން ކުރާނީ އޭ 320-200 މަރުކާގެ ބޯޓްތަކެވެ. ރާއްޖެ އަށް ދަތުރުތައް ފަށާނީ އަންނަ މަހުގެ 10 އިން ފެށިގެންނެވެ.
Hurry !!! Get on board… Colombo to Male
Starting 10th October 2022Book now: (+94) 0117 940 940
Book online: https://t.co/ZBLz7vDcYO#FitsAir #cmb #dxb #mle #passenger #fly #srilankan #Cabincrew #colombo #dubai #male #onlinebooking #flight pic.twitter.com/2L2MTIX6QH— FitsAir (@FitsAir) September 24, 2022
"ފިޓްސްއެއާ" ގެ ޕެސެންޖަ އޮޕަރޭޝަންގެ ވައިސް ޕްރެޒިޑެންޓް ޕީޓާ ހިލް ވިދާޅުވީ އެ އެއާލައިނުން އިންޓަނޭޝަނަލް ދަތުރުތައް ފަށާ އިރު، އެއް އަމާޒަކީ ވަރަށް ކައިރި މުސްތަގުބަލެއްގައި ލަންކާގެ ޖަފްނާ އިން ވެސް އިންޑިއާ އަށް ދަތުރުތަކެއް ފެށުން ކަމަށެވެ.
"އަޅުގަނޑުމެން މި އިންޓަނޭޝަނަލް ދަތުރުތަކަކީ ވަރަށް ޒަމާނީ ހިދުމަތަކަށް ވާނެ. އަދި ވަރަށް ހިތްގައިމު ހިތްފަސޭހަ ދަތުރުތަކަކަށް ވާނެ،" ޕީޓާ ވިދާޅުވި އެވެ. "ފިޓްސްއެއާގެ ހާއްސަ ކަންކަމުގެ ތެރޭގައި ދަތުރުމަތީގައި ދެވޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުމާއި އަގުތައް ވެސް ރަނގަޅުމާއި ބެގޭޖް އެލަވަންސް ވެސް ވަރަށް ވަރަށް ލުއިކޮށް އޮތުން ހިމެނޭ."
"ފިޓްސްއެއާ" އިން ބުނި ގޮތުގައި އެ އެއާލައިންގައި ދަތުރުކުރާ ކޮންމެ މީހަކަށް 30 ކިލޯގެ ފްރީ ޗެކްޑް-އިން ބެގޭޖް އެލަވަންސާއި 7 ކިލޯގެ ފްރީ ކެރީ-އޮން ބޭގް އެލަންވަންސް ވެސް ލިބޭނެ އެވެ. އަދި 20 ކިލޯ އަށް ވުރެ ބަރުނުވާ ނަމަ ބެގޭހް ފެއާ ވެސް ކުޑަކޮށްދޭނެ އެވެ.
"ފިޓްސްއެއާ" ހިދުމަތަށް ނުކުތީ މީގެ 25 އަހަރު ކުރިން 1997 ގަ އެވެ. މިހާރު 13 މަންޒިލަކަށް އުދުހޭ އެއާލައިންގެ ފްލީޓްގެ އަދަދަކީ 8 އެވެ. އެ އެއާލައިނުން މިހާތަނަށް ޝެޑިއުލް ދަތުރުތައް ބާއްވަމުން އައިސްފައި ވަނީ މައިގަނޑަކަށް ސްރީ ލަންކާގެ އެތެރޭގެ އުދުހުންތަކަށެވެ. ނަމަވެސް މެދުއިރުމައްޗާއި އެފްރިކާ އަށް ކާގޯ ދަތުރުތައް ކުރިން ވެސް ބާއްވަމުން އައިސްފައިވެ އެވެ.
"ފިޓްސްއެއާ" އަންނަ މަހު ރާއްޖެ އަށް ދަތުރުތައް ފަށާ އިރު، މި ވަގުތު ރާއްޖެ އަށް އުދުހޭ ލަންކާގެ ހަމައެކަނި އެއާލައިނަކީ އެ ގައުމުގެ ގައުމީ އެއާލައިން، ސްރީ ލަންކަން އެއާލައިންސް އެވެ. އެ އެއާ ލައިނުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އިތުރުން އައްޑޫ ގަމަށް ވެސް ޝެޑިއުލް ދަތުރުތައް ބާއްވަ އެވެ.